އިސްރަށްވެހީންނަށް ޚާއްސަ ޖާގަތައް ހަދަން 60އަށްވުރެ ގިނަ ކައުންސިލުން ބޭނުންވޭ: މިނިސްޓަރު

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް -- ފޮޓޯ/ މިނިސްޓްރީ

އިސްރަށްވެހީންނަށް ޚާއްސަ ޖާގަތައް ހެދުމަށް މިހާތަނަށް 60އަށްވުރެ ގިނަ ލޯކަލް ކައުންސިލްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

"އިސްވާރުންގެ އަހަރީ އުފާ 2025"ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިސްރަށްވެހީންނަށް ބައްދަލުވެލައި، ހަރަކާތްތައް ހިންގައިލެވޭނެ ގާޖަތައް ގާއިމް ކުރެވުމަކީ، އެ މީހުންގެ ދިރިއުޅުމަށް ހެޔޮ އަސަރު ކުރުވާނެ ކަންތައްތަކެއް ކަމަށެވެ.

އެ ގޮތުން މާލޭގައި ހުންނަ އިސްރަށްވެހީންގެ ނާދީ، އެ މީހުންގެ ދިރިއުޅުމަށް ގެނުވި އުފާވެރިކަމުގެ މައްޗަށް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

"އިސްރަށްވެހީންގެ ނާދީ، މިތަން ވެގެން ގޮސްފައި މިވަނީ އެތައް ޒަމާންތަކެއްވަންދެން ދިމާނުވެ ތިބި ރަހުމަތްތެރިން ގުޅުވާލައިދިން ތަނަކަށް. ސްކޫލް ދައުރުގެ ހަނދާންތައް އައުކޮށްލައިދިން މަންޒިލަކަށް. އެތައް ދުވަހެއްގެ ވާހަކަތަކާއި، ދިރިއުޅުމުގެ އެތައް ތަޖުރިބާއަކާއި، ސްކޫލް ދައުރުގެ އެތައް ހަނދާންތަކެއް އައުކޮށްދިން ހިއްސާދާރަކަށް" މިނިސްޓަރު ވިދާޅުވިއެވެ.

އެ ކަމުން ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިސްރަށްވެހީންނަށް ޚާއްސަ މި ފަދަ ގާޖަތައް ހުރުމުގެ މުހިންމުކަން އެނިގެންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެ ފަދަ ތަންތަން އެޅުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާތަނަށް 60އަށްވުރެ ގިނަ ކައުންސިލްތަކުން އެ ކަމަށް ޝައުގުވެރިކަން ފާޅުކުރިއިރު، މިނިސްޓްރީން ގެންދަނީ އެ ކައުންސިލްތަކާއެކު އެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ގާތުން މަސައްކަތް ކުރަމުންނެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ، އިސްރަށްވެހީންނަށް ވެސް ޚާއްސަ ޖާގަތައް ގާއިމްކޮށްދިނުމަކީ، މުޖުތަމައުގައި ޖީލުތަކުގެ މެދުގައި އޮންނަ ތަފާތުކުރުންތައް ނައްތައިލެވޭނެ ކަމެއްކަން ފާހަގަ ކުރައްވައިފައެވެ. އަދި އެއީ ކުޑަކުދިންނަށް ވެސް އާއިލީ ގުޅުންތަކުގެ މުހިންމުކަމާއި ރީތި ސިފަތައް ދަސްކޮށްދޭނޭ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

ރަނގަޅު ސިފަތަކެއްގެ މައްޗަށް ބޮޑުވެގެން އަންނަ ކުދީންނާއެކު، އުފެދިގެންދާނީ އެންމެން ވެސް އެދޭފަދަ ރަނގަޅު މުޖުތަމައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު އަށެއްގައި ވެސް އިތުރު އިސްރަށްވެހީންގެ ނާދީއެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަން އެޅުމަށް އެޗްޑީސީއާއެކު ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ސޮއިކުރީ މިދިޔަ އަހަރުގެ މާޗުމަހުގައެވެ.

comment ކޮމެންޓް