ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި އިސްރަށްވެހިންނަށް ޚާއްސަކޮށް ގާއިމްކުރާ ތިން އިޖުތިމާއީ މަރުކަޒުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ރޭ ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ ވިދާޅުވީ އެ މަރުކަޒުތައް ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެންމެން އެއްތަނަކަށް އެއްވެ، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު އެ މީހުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ ޚާއްޞަ އިސްކަމެއް ދީގެން ކުރާނެ ކަމެއް. އަދި އިސްރަށްވެހިންނަކީ އަޅުގަނޑުމެންގެ މެންޑޭޓްގެ ތެރެއިން ޚާއްޞަ އިސްކަމެއް ދޭނެ ފަރާތްތަކެއް،" ނަމްޒާ ވިދާޅުވިއެވެ.
މި ތިން ސެންޓަރު ގާއިމުކުރަނީ ތ. އަތޮޅުގައާއި އައްޑޫ އަތޮޅުގައާއި މާލެ ސަރަޙައްދުގައެވެ.
"މި ސެންޓަރުތަކަކީ ހަމައެކަނި އެއްވެލައި ވާހަކަދައްކަން ހަދާ ހޮޅުއައްޓެއް ނޫން. އިޖުތިމާއީ ކަންކަމުގައި މަސައްކަތްކުރާނެ އަދި އެފަދަ ކަންކަމާ ގުޅޭ ޚިދުމަތްތައް ވެސް އެ ސެންޓަރުތަކުން ފޯރުކޮށްދޭނެ. މިސާލަކަށް މެޑިކަލް ޗެކަޕް ހެދުން ފަދަ ކަންކަން،" ނަމްޒާ ވިދާޅުވިއެވެ.
ނަމްޒާ ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ވެސް އެފަދަ ސެންޓަރެއް ގާއިމުކުރުން ކަމަށެވެ.
"މިއީ އަދި ފެށުމެއް. މި ދެންނެވީ މި 14 ހަފްތާ ތެރޭ އަޅުގަނޑުމެން ކުރަން ފަށާފައިވާ ކަމެއްގެ ވާހަކަ. ކުރިއަށް އޮތް ތަނުގައި އިތުރު އިޖުތިމާއީ ސެންޓަރުތައް ގާއިމުވެގެންދާނެ،" ނަމްޒާ ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ މެންޑޭޓްގެ ތެރެއިން އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކުގައި ތަފާތު މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ އެކުލަވައިލާފައެވެ. އެގޮތުން:
- މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސައިދިނުން.
- އިސްރަށްވެހިންނަށް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޕްރޮގުރާމުތައް ރާވައި ހިންގުން.
- އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ހޭލުންތެރިކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.
- އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން އިސްރަށްވެހިންނަށް ފޯރުކޮށްދިނުން.
ރައީސް މުއިއްޒުގެ ސަރުކާރަށް ފުރަތަމަ 14 ހަފުތާ ތެރޭ ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އިސްރަށްވެހިންނަށް ބޭނުންވާ ޚިދުމަތްތަކާ އެކު އިޖުތިމާއީ ސެންޓަރުތަކެއް ގާއިމުކުރުން ހިމަނާފައިވެއެވެ.
ފުރަތަމަ 14 ދުވަސްތެރޭގައި އިސްރަށްވެހިންނަށް ޚާއްޞަ ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ފެށުން ވެސް ވަނީ ހިމެނެއެވެ.