އެޕަލްގެ އޭއައި އާއެކު ތަރައްޤީކުރި ސިރީގެ އަޕްގްރޭޑް ލަސްވަނީ ކީއްވެ؟

އައު ސިރީއަށް ގިނަބަޔަކުދަނީ އިންތިޒާރު ކުރަމުން ---

އެޕަލް އިން ތަރައްޤީކުރަމުންދާ އޭއައި އާއެކު އަޕްގްރޭޑްކުރި ސިރީ ރިލީޒްކުރުން ލަސްވާ ސަބަބުތައް ޓެކް ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

މި ލަސްވުމަކީ ސޮފްޓްވެއާގެ ބަގްތަކާއި އިންޖިނިއަރިން މައްސަލަތަކާ ހުރެ ކަމަށް ބުލޫމްބާރގްގެ މާކް ގަރްމަން ގެ ރިޕޯޓެއްގައި ވަނީ ބަޔާންކޮށްފައެވެ.

އޭއައި ބޭނުންކޮށްގެން ތަރައްޤީކޮށްފައިވާ ސިރީ އަކީ 2024ގެ ޖޫން މަހުގައި އެޕަލްއިން ތައާރަފުކުރި އައު ފީޗާތަކެކެވެ. އޭގެ ތެރޭގައި ޔޫޒަރުންގެ ޑޭޓާއަށް ބިނާކޮށް ޕާސަނަލައިޒްކުރެވޭ ޖަވާބުތައް ދިނުމާއި، ފޯނުގައި ހުންނަ އެހެން އެޕްތައް ކޮންޓްރޯލްކޮށްގެން އުނދަގޫ މަސައްކަތްތައް ފުރިހަމަކުރުމާއި، ބޭނުންކުރާ ފަރާތުގެ ޑިވައިސް ބަލައިގެން ސުވާލުތަކަށް ޖަވާބުދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިރީއަށް ޤުދުރަތީ ބަހުން ދައްކާ ވާހަކަތައް ދެނެގަނެ ޖަވާބުދެވޭ ގޮތަށްވެސް ތަރައްޤީކުރެވުނެވެ.

ކުރިން ރާވާފައިވަނީ މި އަޕްގްރޭޑްކުރެވުނު ސިރީ iOS 18.4 އަޕްޑޭޓާއެކު 2025ގެ އޭޕްރިލް މަހުގައި ރިލީޒްކުރުމަށެވެ. އެހެންނަމަވެސް، މިހާރު މި ފީޗާތައް ރިލީޒްކުރުން މެއި މަހަށް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚަކަށް ފަސްކުރުމަށް އެޕަލްއިން ދަނީ ވިސްނަމުންނެވެ. މި އަޕްޑޭޓްތަކުގެ ފުރިހަމަ ވާޝަން އެއް ލިބޭނީ އެޕަލްގެ iOS 18.5 އަޕްޑޭޓް ރޯލްއައުޓްކުރާއިރުކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އެޕަލްގެ މުވައްޒަފުން އައު ސިރީ ޓެސްޓްކުރަމުން ދިޔައިރު އައު އޭއައި ފީޗާތައް އެއްކޮށްނުވަތަ އެއްހަމައެއްގައި މަސައްކަތްނުކުރާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން އެތައް ބަގްތަކެއް ވެސް ފާހަގަކުރެވި، މިކަންތައްތަކުން ކުންފުންޏަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް އެޕަލްއިން އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކަނޑައެޅިފައިވާ ތާރީޚަށް ފީޗާތައް ރިލީޒްކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންނަމަވެސް، iOS 18.4 ޑިވެލޮޕާ ބީޓާ އަންނަ ހަފުތާގައި ރިލީޒްކުރުމަށް ކަނޑައަޅާފައިވާތީ، މި ސުންގަޑި ހިފެހެއްޓުމަކީ ދަތިކަމަކަށް ވެދާނެއެވެ.

އެޕަލްގެ ސިރީއަކީ، މިހާރު ވާދަވެރިންނާ އަޅާބަލާއިރު ފަހަތުގައި އޮތް ވާޗުއަލް އެސިސްޓެންޓެއް ކަމަށް ބެލެވެއެވެ. މި އަޕްގްރޭޑްގެ ސަބަބުން ސިރީ ރަނގަޅުވެ، ވާދަވެރިންނާ އަޅާބަލާއިރު ކުރިއަށްދާނެކަމަށް އުންމީދުކުރެވުނެވެ. އެކަމަކު މި ލަސްވުމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް މި އަޕްގްރޭޑްކުރެވުނު ވާޗުއަލް އެސިސްޓެންޓް ބޭނުންކުރަން ކުޑަކޮށް އިތުރަށް އިންތިޒާރުކުރަން ޖެހިދާނެއެވެ.

ސިރީގެ އަޕްގްރޭޑްއަކީ އެޕަލްގެ "އެޕަލް އިންޓެލިޖެންސް" ސިލްސިލާގެ ބައެކެވެ. މި ސިލްސިލާގެ ފީޗާތައް 2024ގެ އޮކްޓޯބަރު މަހުން ފެށިގެން މަޑުމަޑުން ރިލީޒްކުރަމުން އައިސްފައިވެއެވެ.

comment ކޮމެންޓް