ފަޅު ރަށަކުން މަސްތުވާތަކެއްޗާއެކު، އަންހެނަކާއި 8 ފިރިހެނުން ހައްޔަރުކޮށްފި

މާރިކިލުން ހައްޔަރުކުރި މީހުން: އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ -- ފޮޓޯ/ ފުލުހުން

ބ. އަތޮޅުގެ ފަޅު ރަށަަކުން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު އަންހެނަކާއި އަށް ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބ. މާރިކިލުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކަމަށް އެ މުއައްސަސާފައިން ބުންޏެވެ.

އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓާއި ބ. އަތޮޅު ފުލުހުން ގުޅިގެންނެވެ.

ފުލުހުން ވަނީ އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ހަ ބިދޭސީން ހިމެނެއެވެ. އެއީ:

މ. ޖަވާހިރުވާދީ، އަލްޙާން ރަޝީދު ޙުސައިން (49އ)

ޏ. ފުވައްމުލައް/ ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު (25އ)

ރ. އިނގުރައިދޫ، ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ)

ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ)

ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ)

އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ)

ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ)

މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ)

ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ)

އެ އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން ބުނީ އެ ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ބަނގުރާ ދަޅާއި ފަސް ބަނގުރާ ފުޅިއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުލް މުޙްސިން ޙަސަނަށް ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައިވާއިރު، ދެންތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މާރިކިލަކީ ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދޫކޮށްފައި އޮންނަ ރަށެކެވެ.

comment ކޮމެންޓް