މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، އެ މިނިސްޓްރީގެ ވަޒީރަކަށް ތޯރިގް އިބްރާހީމް އައްޔަންކުރެއްވުމާއެކު, ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގައި ވަނީ އެ މައްސަލައިގައި ކޮމިޓީން ނިންމި ގޮތަށް ވޯޓަށް އަހައިފައެވެ. އެ ވޯޓުގައި 69 މެންބަރުން ވޯޓު ދެއްވީ ރުހުން ދިނުމަށެވެ.
ދެ މިނިސްޓްރީ އެއްކޮށްލައި، ޠާރިގާ މިނިސްޓަރުކަން ހަވާލުކުރެއްވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އިބްރާހީމް ފައިސަލް އެ މަގާމުން ވަކިކުރުމަށްފަހުގައެވެ.
މި ބަދަލާއެކު ޠާރިގު ވިދާޅުވީ، މިހާރު ދުނިޔޭގައި ސަސްޓެއިނެބަލް ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަން ވަރަށް މަގުބޫލް ކަމަށެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ އަދާކުރާ ދައުރު ބޮޑުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް ވަސީލަތަކީ ގުރުދަތުން ރާއްޖޭގެ ސަރަހައްދަށް ލިބިފައިވާ ރީތިކަމެވެ. އެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގެނައި ބަދަލާއެކު، ތިމާވެއްޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމުން، ފުރުސަތުތައް ގިނަވާނެ ކަމަށެވެ.