ކަންނެތްކަމުގެ ނިދިން އޭސީސީ ހޭއަރަންޖެހޭ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް --

ކަންނެތްކަމުގެ ނިދިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހޭއަރަންޖެހޭ ކަމަށާއި، އެ ކޮމިޝަންގެ މެންބަރުންނަކީ ޒިންމާތައް އުފުލައި މުރާލި ބަޔަކަށް ހަދަންޖެހިފައިވާކަމަށް އެމްޑީއޭއަށް ނިސްބަތްވާ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެެވެ.

އޭސީސީއަށް ނައިބު ރައީސަކު އައްޔަންކުރުމާމެދު ހުށަހެޅިފައިވާ މައްސަލައަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ އަދިވެސް ތިއްބެވީ މީގެ ކުރިން ވެސް އޮތް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ މެންބަރުން ތިއްބެވީ، ފުލުހުންގެ ފްލެޓްތައް އެޅުމުގައި ފުލުހުންގެ ކުންފުނި ޕޮލްކޯއިންވީ ޚިޔާނާތާއި، ފެނަކައިގެ ތެރެއިން ހިނގަމުން އައި ކޮރަޕްޝަނާއި، ނުހައްގުން ހެދި ސެޓަލްމަންޓް އެގްރިމަންޓުތަކާއި، ވެންޓިލޭޓަރު ވައްކަން ފަދަ ޚިޔާނާތްތައް ހިނގިއިރު ނިދައިފައިކަމަށެވެ.

އެ ސަބަބުތަކާއެކު، މިއަދު އޭސީސީއަކީ މިނިވަން މުސްތަގިއްލު ގޮތެއްގައި ހިނގާ ތަނެއްކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

"އޭސީސީއަކީ ހަމައެކަނި މި ފުރަމާލޭގައި، ހަތަރު ތޮށީގެ ތެރޭގައި އެކަނި ހަރަކާތްތެރިވާންޖެހޭ ތަނެއް ނޫން އިއްޒަތްތެރި ރައީސް. އޭސީސީ މުޅި ރާއްޖޭގައި އެބަ ޖެހޭ ހަރަކާތްތެރިވާން. ރަށްރަށުގެ ކައުންސިލުތަކުން ހިންގަވާ ޖަރީމާތައް ވެސް ބަލަން އެބަޖެހޭ އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވިއެވެ.

އެއާއެކު އައްބާސް ވިދާޅުވީ، މިއަދު އެ މެންބަރުން ވެފައިވަނީ "ރައްޔިތުންގެ ފައިސާއިން އިނާޔަތްތަކާއި ހިމާޔަތް ހޯދައިގެން ފިނި ކޮޓަރީގައި ގޮނޑި އަނބުރައިލަ، އަނބުރައިލައި ތިއްބަވާ" ބައެއްގެ ގޮތުގައި ކަމަށެވެ.

އޭގެ ބަދަލުގައި އެ ކޮމިޝަންގެ މެންބަރުން މިހާރަށް ވުރެ ޒިންމާދާރުވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭސީސީ މިހާރަށްވުރެ ހަރުދަނާކޮށް، ކެރޭ މުރާލި ތަނަކަށް ހަދަން ޖެހޭކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

"އެ ކަންނެތް ކަމުގެ ނިދިން އެބަ ޖެހޭ އެ ބޭފުޅުން ހޭ އަރަން... އެއިރަކު ވެރިކަމުގައި އޮތް ބަޔަކު މުޅި ދައުލަތް ދަވައިލައިގެން ދާއިރުގައި ވެސް އޭސީސީ ނިދައިފައި. އެ މީހުންނާ ގާނޫނުން މަތިކުރި ޒިންމާއެއް އަދައެއް ނުކުރޭ އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރުން ހަރަކާތްތެރިވާން ފަށަނީ މެންބަރުކަމުގެ ގޮނޑި ދިފާއުކުރުމަށް އެކަނި ކަމަށާއި، މި ސަރުކާރު އައުމާއެކު ވެސް ފެނުނީ އެ މަންޒަރުކަމަށް އައްބަސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ގޯތިތަކާއި، ފްލެޓްތައް ގޯސްކޮށް ދީފައިވާކަމަށް ބުނެ ވާހަކަތަކެއް ފެންމަތިކުރުވިކަމަކީ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އޭސީސީގެ ނާގާބިލްކަމުގެ ނަތީޖާ ތަހައްމަލުކުރަން ޖެހެނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ފައިސާ ލިބޭ ގައުމެއް ނަމަވެސް ރައްޔިތުން މިއަދުވެސް ތިބީ ނިކަމެތި ހާލުގައި ކަމަށް އައްބާސް ވިދާޅުވިއެވެ.

އެއާއެކު އޭނާ ތަކުރާރުކޮށް ގޮވައިލެއްވީ އޭސީސީއަކީ ހަރުދަނާ ތަނަކަށް ހެދުމަށެވެ. އެއާއެކު ރާއްޖޭގައި ހުރި ވައްކަމާއި ކޮރަޕްޝަންގެ ކަންކަން ބަލައި، ގައުމަށް ލިބޭ މުއްސަނދިކަމާއެކު ރައްޔިތުންގެ ދިރިއުޅުން ވެސް ތަނަވަސްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް