އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިކޮށް، ލީޑު ފުޅާކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ލިވަޕޫލުންވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒެވެ. މިއީ 10 މެޗަށް ފަހު އޭނާއަށް ލަނޑެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު، 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މިއީ މި ސީޒަންގައި ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. އަދި، އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގައި ކާމިޔާބު ކުރި ފަސްވަަނަ ލަނޑެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލުން ދެ ލަނޑު ޖެހި ނަމަވެސް ވުލްވްސްއިން ވަނީ ދެވަނަ ހާފުގައި ކުޅުން ވަރަށް ވަރުގަދަކޮށްފައެވެ. ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރިއެވެ.
މެޗުގެ 67 ވަނަ މިނެޓުގައި މެތިއަސް ކޫންޔާ ކާމިޔާބުކޮށްދިން ލަނޑުން ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަ ކުރިއެވެ. ނަމަވެސް، ވުލްވްސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ލިވަޕޫލުން މެޗު ކާމިޔާބުކޮށް، އެއްވަނައިގައި އަނެއްކާ ވެސް ހަތް ޕޮއިންޓްގެ ލީޑެއް ނެގުމެވެ.
މި ކާމިޔާބީއާ އެކު ލިވަޕޫލް މިހާރު އެއްވަނައިގައި އޮތީ އޮތީ ކުޅުނު 25 މެޗުން ލިބިފައިވާ 60 ޕޮއިންޓާ އެކުއެވެ. އެންމެ ގާތުން ވާދަކުރާ އާސެނަލަށް ލިބިފައިވަނީ 53 ޕޮއިންޓެވެ. މެޗުން ބަލިވުމުން ވުލްވްސް އޮތީ 19 ޕޮއިންޓާ އެކު 17 ވަނައިގައެވެ.