ދިރާގު ގޭމާސް ގިލްޑުގެ "ކުއެސްޓް ސީޒަން އެކެއް" ނިންމާލައިފި

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑުގެ ގޭމް ކުއެސްޓް ސީޒަން އެކެއް ވަނީ ނިންމާލާފައި -- ފޮޓޯ/ ދިރާގު

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑުގެ ގޭމް ކުއެސްޓް ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ބުރާސްފަތިން ހޮނިހިރުގެ ނިޔަލަށް ދިރާގު ހެޑު އޮފީހުގައި ކުރިޔަށް ގެންދިޔަ ތިން ދުވަހުގެ މި ފޯރިގަދަ ގޭމިން ފެސްޓިވަލްގައި 400އަށްވުރެ ގިނަ ގޭމް ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ޚާއްސަކޮށްގެން ބޭއްވި މި ވާދަވެރި އިވެންޓުގައި، ރޮކެޓް ލީގު، އީއެފްސީ 25 ފަދަ ގޭމުތައް ވަނީ ހިމަނައިފައެވެ. މި ގޮތުން މި އިވެންޓު ފަރުމާކޮށްފައިވަނީ އަލަށް ގޭމް ކުޅެން ފަށާ ގޭމަރުންނާއި އެންމެ ތަޖުރިބާކާރު ގޭމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

ގޭމާސް ގިލްޑުން ވަނީ ގޭމް ކުއެސްޓް ސީޒަން އެކެއްގައި ބައިވެރިވެ، ވަނަތައް ހޯދާފައިވާ ގޭމަރުންނަށް ޖުމްލަ 30،000 ރުފިޔާގެ އިނާމު ދީފައެވެ. މިއީ މި ގޭމް ކުއެސްޓުގައި މިހާ ގިނަ އަދަދެއްގެ ގޭމަރުން ބައިވެރިވެ، މިހާ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މުހިންމު ސަބަބެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، މި އަހަރަށް ކަނޑައަޅާފައިވާ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފަށާ ގޭމާސް ގިލްޑުން މި އަހަރަށް ތައްޔާރުވެފައިވާ މިންވަރު ފެނިގެންދިޔަ ކަމަށާއި، މި އަހަރުގެ ހަރަކާތްތަކަށް ގޭމިން ކޮމިއުނިޓީން އިންތިޒާރު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމު ކަމުގައިވާ ގޭމާސް ގިލްޑުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް