ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލަކީ އައްޑޫއަށް މުހިންމު ބަދަލެއް: ޝަރީފް

އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ބަދަލު ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫއަށް ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ތައާރަފު ކުރުމަށް ބޭއްވި ހަފުލާގައި އެ ސިޓީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ގެދޮރާ ގުޅޭ ފައިނޭންސިންގެ އިތުރުން، ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސަށް ވެސް ލުއި ބަދަލުތަކެއް ބީއެމްއެލުން ތައާރަފުކުރީ މިދިޔަ ހަފުތާގައެވެ. ޝަރީފް ވިދާޅުވީ މީގެ ތެރެއިން އައްޑޫގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ބަދަލަކީ ގެސްޓްގައުސް ފައިނޭންސިންއަށް ގެނެސްފައިވާ ބަދަލު ކަމަށެވެ.

ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް މީގެ ކުރިން ދިމާވާ އެންމެ ބޮޑު ދައްޗަކީ މި ފަދަ ލޯނަކަށް އެދި ހުށަހަޅާއިރު، އިތުރު އިމާރާތާ ގޯތި ރަހުނު ކުރަން ޖެހުން ކަމަށެވެ. އެހެން ނަމަވެސް ބީއެމްއެލުން ގެނައި ބަދަލާއެކު، މިހާރު އިމާރާތްކުރާ ގެސްޓްހައުސް މޯގޭޖު ކުރުމަށްފަހު، އިތުރު ރަހުނަކާ ނުލައި، އެ ޕްރޮޖެކްޓުގެ 70 ޕަސެންޓާ ހަމަޔަށް ފައިނޭންސިން ހަމަޖެހިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ފައިނޭންސިންގެ ތެރެއިން، ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި ވެސް ގެސްޓްހައުސް އެޅުމަށް ލޯނު ނެގޭނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ގެސްޓްހައުސް ފައިނޭންސިންއަށް ބީއެމްއެލުން ގެނައި ބަދަލުތަކުގެ ތެރޭގައި:

• ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުން

• ގެސްޓްހައުސް ހިންގާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ފައިނޭންސިން ލިބުން

• އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ފައިނޭންސިންގް ލިބުން

ޝަރީފް ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ ތެރެއިން ބައެއް ކަންކަން ފަރުމާކޮށްފައިވަނީ އައްޑޫ ސިޓީފަދަ ސަރަހައްދުތަކަށް ޚާއްސަކޮށް، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި، ގެސްޓްހައުސް އިމާރާތްކުރުމަށާއި ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެފަދަ ގޮތަކަށެވެ.

"އާންމު ވިޔަފާރިތަކަށް އެހީތެރިވުމަށް ވޯކިން ކެޕިޓަލް ފައިނޭންސިންގް ވެސް މިވަނީ ހުޅުވާލާފަ. އަދި ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ވެސް ވާނީ ލުއިކޮށްފަ. މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް ފަރުމާކޮށްފައިވަނީ ހާއްސަކޮށް އައްޑޫ ސިޓީ ފަދަ ސިޓީތަކުގައި، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި ގެސްޓްހައުސް އިމާރާޓްކުރުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ލިބޭނެފަދަ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/202524

އަތޮޅުތަކުގެ ތެރެއިން ބީއެމްއެލްގެ ފުރަމަ ބްރާންޗު ހުޅުވީ އައްޑޫ ސިޓީގައެވެ. މިއަދު އެ ސިޓީގައި ބީއެމްއެލްގެ ތިން ބްރާންޗާއި ނުވަ އޭޓީއެމާއި ކަނެކްޓް ސެންޓަރެއް ހުރިއިރު، މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ މުވައްޒަފުން ވެސް މަސައްކަތް ކުރަނީ އައްޑޫ ސިޓީގައެވެ.

އައްޑޫ ސިޓީއަށް ޑޮލަރު ޚިދުމަތް ތައާރަފުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ.

comment ކޮމެންޓް