މިދިޔަ އަހަރު އެމްޓީސީސީގެ އާމްދަނީ 2023އަށްވުރެ 1.1 ބިލިއަން ރުފިޔާ ދަށަށް

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިދިޔަ 2024ވަނަ އަހަރު އެމްޓީސީސީއަށް ލިބުނު އާމްދަނީ 2023ވަނަ އަހަރަށްވުރެ 1.1 ބިލިއަން ރުފިޔާ ދަށްވެއްޖެއެވެ.

މިދިޔަ 2024ގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 2.16 ބިލިއަން ރުފިޔާއެވެ. ނަމަވެސް، 2023ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 32.1 ޕަސަންޓު ދަށްވުމެކެވެ.

އެމްޓީސީސީން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 418.20 މިލިއަން ރުފިޔާއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 151.25 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް 13.95 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގެ ތެރެއިން ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި ވަނީ ޖުމްލަ 72.26 މިލިއަން ރުފިޔާގެ ގެއްލުން އެމްޓީސީސީއަށް ވެފައެވެ.

މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ

  • ފުރަތަމަ ކުއާޓަރުގައި އާމްދަނީއަށް 664.44 މިލިއަން ރުފިޔާ ލިބުނުއިރު، ޓެކުހަށް ނުކަނޑައި ފައިދާގެ ގޮތުގައި ލިބުނީ 6.17 މިލިއަން ރުފިޔާ
  • ދެވަނަ ކުއާޓަރުގައި އާމްދަނީއަށް 497.41 ރުފިޔާ ލިބުނުއިރު، ޓެކުހަށް ނުކަނޑައި 54.15 މިލިއަން ރުފިޔާގެ ގެއްލުން
  • ތިންވަނަ ކުއާޓަރުގައި އާމްދަނީއަށް 587.05 ރުފިޔާ ލިބުނުއިރު، ޓެކުހަށް ނުކަނޑައި 18.11 މިލިއަން ރުފިޔާގެ ގެއްލުން
  • ފަހު ކުއާޓަރުގައި އާމްދަނީއަށް 418.20 މިލިއަން ރުފިޔާ ލިބުނުއިރު، ޓެކުހަށް ނުކަނޑައި ފައިދާގެ ގޮތުގައި 165.20 މިލިއަން ރުފިޔާ ލިބުނު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނީގެ ހިއްސާއަކަށް ޖެހެނީ 18.82އެވެ.

ދެވަނަ ކުއާޓަރާ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު، ފަހު ކުއާޓަރުގައި އެމްޓީސީސީގެ މާކެޓިން ޚަރަދުވަނީ ބޮޑުވެފައެވެ. ފަހު ކުއާޓަރުގައި އެ ކަމަށް 30.49 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު، އެއީ 26.22 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އަދި ފަހު ކުއާޓަރުގައި އިތުރު ޚަރަދުގެ ގޮތުގައި 28.59 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު، 23.18 މިލިއަން އިތުރު އަދަދެކެވެ.

އެމްޓީސީސީއަށް 2023ވަނަ އަހަރު އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބުނުއިރު، 2024ގެ އާމްދަނީ 1.1 ބިލިއަން ރުފިޔާއިން ވަނީ ދަށްވެފައެވެ.

އެމްޓީސީސީއަކީ ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އާއި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ 4.65 ޕަސެންޓް ހިއްސާ އަދި އާންމުންގެ 31.15 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް