ގަދައެއް ނުހެދުނު، އެކަމަކު ބަޔާންގެ ލީޑަށް އަސަރެއް ނުކުރި

ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެންއާއި މި ސީޒަންގައި އެއްވަނައިގައި އޮތް ބަޔޭން މިޔުނިކްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލެވަކޫސެންއަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މެޗުގައި ބަޔާނަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެ ޓީމަށް ލެވަކޫސެންގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް އުފެއްދުނީ ވެސް 73 ވަނަ މިނެޓުގައެވެ.

އެއްވަރުވި ނަމަވެސް އަދިވެސް 55 ޕޮއިންޓާ އެކު އަށް ޕޮއިންޓުގެ ލީޑެއް އެއްވަނައިގައި ބަޔާންއަށް އެބައޮތެވެ. ދެވަނައިގައި އޮތީ ލެވަކޫސަންއެވެ.

ބަޔާންގެ ވިސްނުން މިހާހިސާބުން އެއްކޮށް ހުއްޓޭނީ ކުރިއަށް އޮތް ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ސެލްޓިކާ ދެކޮޅަށް ކުޅޭ ދެވަނަ ލެގަށެވެ. ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ރަށުން ބޭރުގައި 2-1 އިން ކާމިޔާބުކުރީ ބަޔާނުންނެވެ.

ބުންޑެސްލީގާގައި ރޭ ކުޅުނު އެހެން މެޗަކަށް ބަލައިލާއިރު ބޯކަމްއާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ބޯކަމްއެވެ. ބޯކަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދީފައިވަނީ ޖިއޯގޯސް މަސޮއުރާސެވެ.

މި ކާމިޔާބީއާ އެކު ބޯކަމް މިހާރު ވަނީ 14 ޕޮއިންޓާ އެކު ފުލުން އަރައި 17 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ޑޯޓްމުންޑް އޮތީ 29 ޕޮއިންޓާ އެކު 11 ވަނައިގައެވެ.

comment ކޮމެންޓް