ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނުދެއްކުމާ ގުޅިގެން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ދަރަނީގެ ބައެއް އޭނާ ދައްކަވައިފިއެވެ.
ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއްގައެވެ. އަދި އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ، ދަރަނި ނުދައްކާ ކަމަށް ބުނެ އެމްއައިބީން މައްސަލައެއް ހުށަހެޅި ފަހުންނެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ސިނާން ވަނީ އެމްއައިބީއަށް ދައްކަން ޖެހޭ ދަރަނީގެ ބައެއް ދައްކައިފައެވެ. އެހެންވެ، އެމްއައިބީން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް އަނބުރާ ގެންގޮސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސިނާންގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ގައި ނިންމި އެ މައްސަލައިގައިވަނީ، އެމްއައިބީން ނަގައިފައިވާ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން އެ ތިން މީހުން އެ ބޭންކަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފެސިލިޓީގެ ބާކީގައި ހުރި 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރައިފައިހުރި 75،789.01 ރުފިޔާއެވެ.
އެ ހުކުމުގައިވަނީ، އެ ފައިނޭންސިން ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް، ފެސިލިޓީއާ ގުޅިގެން މަހުން މަހަށް އަރަމުންދާ މަންތުލީ ރެންޓަލް އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު، ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދުނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސް ކުރުމަށް އަންގައިފައެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް ކުރި ނަމަވެސް، ސިނާން ފައިސާ ނުދައްކަވާ ކަމަށް ބުނެ އަދި ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އެ މައްސަލަ އެމްއައިބީން ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.
އެ މައްސަލައާ ގުޅިގެން އަމިއްލަ ފަރާތަކުން ވަނީ، ސާބިތު ދަރަންޏެއް ނުދައްކަވާ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާއާ ހަވާލާދީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.
އެ މާއްދާގައިވަނީ، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުން ހިމަނައިފައިވެއެވެ.
އެހެންކަމުން، ސުޕްރިމް ކޯޓަށް ހުށަހަޅައިފައި ވަނީ، މި މައްސަލައިގައި ސިނާގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށެވެ.
މީގެ ކުރިން ވެސް، މެންބަރުންތަކެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަނީގެ މައްސަލަތަކުގައި ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފައިވެއެވެ.