މާލެ ސިޓީ ކައުންސިލުން އީގަލްސް ކޮމިއުނިޓާއާ ގުޅިގެން މާފަންނު ހުޅަނގު ދާއިރާ ސާފުކުރުމަށް މިއަދު ހެނދުނު ހަރަކާތެއް ފަށައިފިއެވެ.
އީގަލްސް ކޮމިއުނިޓީގެ އިތުރަށް މި ހަރަކާތުގައި ފުލުހުންނާއި ވެމްކޯގެ އިތުރުން މަންފާ ނަމަކަށް ކިޔާ ޖަމިއްޔާއެއް ވަނީ ބައިވެރިވެފައެވެ.
މިއަދު ހެނދުނު "އީގަލްސް ކޮމިއުނިޓީ- އެންމެން އެކުގައި ސާފުކުރަމާ"ގެ ނަމުގައި ފެށި މި ހަރަކާތާ ގުޅުވައި ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ 'ސަން'އަށް ވިދާޅުވީ، މިއީ ރޯދަ މަހަށް ތައްޔާރުވުމަށް މާފަންނު ހުޅަނދު ދާއިރާ ސާފުކުރަން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މިއަދު ފެށި ހަކަރާތުގެ ތެރެއިން --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އެގޮތުން، މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރާކަތުގައި އެ ދާއިރާގެ އެކި ސަރަހައްދުތަކުގެ މަގުތަކުން ކުނި ނެގުމަށް ހަމަޖެހިފައިވާއިރު، ރަސްފަންނު ސަރަހައްދު ތޮށިމަތި ވަނީ ހެނދުނު ސާފުކޮށްފައެވެ.
މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ އޮފިޝަލުންނާއި، އީގަލް ކޮމިއުނިޓީގެ އިތުރުން ފުލުހުންނާއި ވެކްމޯގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މިއަދު ފެށި ހަރަކާތުގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އޭގެއިތުރުން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއުއާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާފަންނު ހުޅަނގު ދާއިރާގެ އިތުރަށް މާލެ ސިޓީ ކައުންސިލުން އަންނަނީ ރޯދައަށް އެހެނިހެން ދާއިރާތައް ސާފުކުރުމަށް މަސައްކަތް ވެސް ކުރަމުންނެވެ.