އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މަނުއެލް އަކާންޖީއަށް ލިބުނު އަނިޔާއާ ގުޅިގެން 10 ހަފުތާއަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
އަކާންޖީގެ ފަޔަށް އަނިޔާވެފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަކާންޖީގެ ފަޔަށް ލިބިފައިވާ އަނިޔާއާ ގުޅިގެން މިރޭ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއާއެކު އޭނާ އަށް ހަފުތާ އާއި 10 ހަފުތާއާ ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން އެމެޗުގައި އަނިޔާވި ޖެކް ގްރީލިޝްގެ ހާލު އަކާންޖީ ހާ ގޯސް ނޫން ކަމަށާއި ނަމަވެސް މިއަދު ނިއުކާސްލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވާނެކަމާމެދު އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށްވެސް ޕެޕް ބުންޏެވެ.
އަކާންޖީއަށް އަނިޔާ ވެފައިވާއިރު އޭނާ އާއެކު ފަހަތަށް އާންމުކޮށް ކުޅޭ ޖޯން ސްޓޯންސް، ނޭތަން އައިކާ އަދި ރުބެން ޑިއާޒް އަނިޔާއިން އެނބުރި އައިސް ކުޅެން ފެށިތާ މާގިނަ ދުވަހެއް ނުވެއެވެ.
އަކާންޖީއަށް ލިބުނު އަނިޔާއިން އަވަހަށް ރަނގަޅުވުމަށް އެދޭ ކަމަށާއި މިސީޒަންގައި އެޓީމުގެ ފަހަތަށް ދިމާވި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި، ވަރަށް އުނދަގޫ ހާލަތުގައި ރަނގަޅު ކުޅުމެއް ދައްކާފައިކަމަށްވެސް ޕެޕް ބުންޏެވެ.
އަކާންޖީވަނީ މިސީޒަންގައި ސިޓީ ކުޅުނު 24 މެޗުގެ ތެރެއިން 20 މެޗުގައި ކުޅެފައެވެ. އަދި މުޅި ސީޒަނަށް ބަލާއިރު 30 މެޗުގައި ކުޅެފައެވެ.
ސިޓީއަކީ ވެސް މިސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ އެއް ޓީމެވެ. ސީޒަން ވަރަށް ފޯރިއާއެކު ފަށައި ނުވަ މެޗު ލީގުގައި ކުޅުނު އިރު ޔޫރަޕްގެ ބޮޑު ފަސް ލީގަށް ބަލާއިރުވެސް އެއްވެސް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ސިޓީއެވެ. ނަމަވެސް ސީޒަން ފެށުމުގެ ކުރިން އޮސްކާ ބޮބްއަށް އަނިޔާވިއިރު ފިފް ފޯޑެން އާއި ކެޕްޓަން ކައިލް ވޯކާ ތިބީ އަނިޔާގައެވެ. އަދި މިފަހަރުގެ ބެލޮންޑިއޯ ކާމިޔާބު ކުރި، މެދުތެރެއިން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރޮޑްރީއަށް އަނިޔާވިތަން ފެނުނެވެ. ނަމަވެސް ސިޓީއަށް މައްސަލަތަކާ ކުރިމަތިވީ އެޓީމުގެ ޑިފެންސްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވި ހިސާބުންނެވެ.