ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީީ)ގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ) އަހުމަދު ޔާމީން މަގާމުން ވަކިކޮށްފިއެވެ.
އެޗްޑީސީއިން ވަނީ އެ ކުންފުނީގެ ސީއެފްއޯ އަދި ސީބީއޯ މަގާމުން ވަކިކުރިކަން "ސަން" އަށް ކަށަވަރު ކޮށްދީފައެވެ.
ފާއިދާއި ޔާމީނަކީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަހުގީގުގައި ސަސްޕެންޑް ކޮށްފައި ތިބި ބައެކެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ތުހުމަތު ކުރެވެނީ ކޮން ކަމެއް ކަމެއް އެޗްޑީސީއިން ހާމަކޮށްފައެއް ނުވެއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާއި ގުޅިގެން ފާއިދާއި ޔާމީން ހިމެނޭ ގޮތަށް 15 މުވައްޒަފަކު ވަނީ މިދިޔަ ޑިސެމްބަރު މަހުގައި ސަސްޕެންޑްކޮށްފައެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުން ފުލުހުންނާއި އޭސީސީ ގުޅިގެން ވަނީ ތަހުގީގެއް ފަށާފައެވެ.