ކޮންކްރީޓް މޮނިއުމަންޓްގެ ބަދަލުގައި ރައުންޑްއެބައުޓްތަކުގައި ބަގީޗާހައްދަން ނިންމައިފި

ހުޅުމާލޭގެ ރައުންޑްއެބައުޓެއްގައި ބަގީޗާ ހައްދާފައި: އެޗްޑީސީން ނިންމީ ކޮންކްރީޓް މޮނިއުމަންޓްގެ ބަދަލުގައި ރައުންޑްއެބައުޓްތަކުގައި ބަގީޗާހައްދަން --ފޮޓޯ/ އެކްސް: ޕޮކްމަން

ހުޅުމާލޭގެ މަގުތައް މަތީގައި ހުންނަ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް މޮނިއުމަންޓް ހެދުމުގެ ބަދަލުގައި ބަގީޗާ ހައްދަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.

އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމުންގެ ނުރުހުމާ އެކު، ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް ބިނާތައް އެޅުމުގެ ޕްލޭން އެ ކުންފުނިން އަލުން މުރާޖައާ ކޮށްފައިވާ ކަމަށެވެ.

އިއްޔެ އެ ކުންފުނިން 'ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް' ޕްރޮޖެކްޓްގެ ގްރީންސްކޭޕިން ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ރައުންޑްއެބައުޓްތަކުގައި އިންދާފައިވާ ބަގީޗާ ގަސްތައް ހެދި ބޮޑުވެ، މާތައް އަޅައި ފޮޅެން ފެށުމުން އިތުރަށް ހިތްގައިމުވާނެ ކަމަށް އޭނާ އެ ޕޯސްޓުގައި ލިޔުއްވިއެވެ.

މީގެ ކުރިން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ފަޒުލް ރަޝީދު ހުންނެވިއިރު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މޮނިއުމަންޓްތަކެއް ބެހެއްޓުމަށް މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން ބޭއްވިއެވެ. އެއީ، ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކަމަށް ބުނެއެވެ.

https://sun.mv/199508

އެ ގޮތުން ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމަންޓުތަކެއް ބަހައްޓަން ހަމަޖެހިފައިވާއިރު، އެ މުބާރާތަށް ޖުމްލަ ހަތް ހުށަހެޅުމެއް ލިބުނެވެ.

ނަމަވެސް، މޮނިއުމަންޓް ޑިޒައިން މުބާރާތުގެ އެއްވަނައަށް ދިޔަ ޑިޒައިނާ ގުޅިގެން ގިނަ ޝަކުވާތަކެއް ފެންމަތިވިއެވެ. އެގޮތުން، އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުރަހާފައިވާ ޑިޒައިނެއް ކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ. އެ ކުންފުންޏަށް ލިބިފައިވާ ޝަކުވާތަކަށް ބެލުމަށް ފަހު، އެ ޑިޒައިންތައް ރިވިއުކުރާ ކަމަށް އެޗްޑީސީން ފަހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް