މިއަހަރުގެ ރަމަޟާން މަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި ރަމަޟާންމަހުގެ އެއްވަނަ ދުވަހަކީ އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހެވެ.
މި އިސްލާހު މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ.
އެގޮތުން، ރިފާއު ހުށަހެޅުއްވީ މި މަހު ހަޔެއްގައި ފެށި މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި، މި ދައުރު ކުރުކޮށްލުމަށެވެ. މި އަހަރުގެ ފުރަތަމަ ދައުރު ފެށީ، މިދިޔަ ޑިސެމްބަރު މަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް ފަހުގައެވެ.
ނަމަވެސް، އަހަރުގެ ދެން ހުރި ދައުރުތައް ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި އެ އުސޫލަށް އަމަލުކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރުގައިކަމަށް ވަނީ ބުނެފައެވެ.
މި އިސްލާހަށް އާންމު ކޮމިޓީގައި ވާހަކަދެއްކުމަށް ފަހު، އެ ކޮމިޓީން ވަނީ މި އިސްލާހަށް ބަދަލެއް ގެނައުމެއް ނެތި ފާސްކޮށްފައެވެ.
އެއާއެކު، އިސްލާހާ ގުޅުވައި ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ވަގުތެއް އަޅުކަމަށް ފަހިކޮށްދިނުމަށް ކަމަށެވެ.
އެ ވާހަކައަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީން ފައިސަލް ވަނީ ދެކޮޅު ހައްދަވާފައެވެ. އެގޮތުން، އޭނާ ވިދާޅުވީ، ރޯދަމަހު އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ބޮޑެތި ހަނގުރާމަތައް ވެސް އެމަހު ކޮށްފައިވާކަން ތާރީޚުން ފެންނަން އޮތް ކަމަށެވެ.
އަމީން ވަނީ ވަގުތު ކުރުކޮށްގެން ނަމަވެސް ރޯދަ މަހުގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ފެންނަކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، އެ ކޮމިޓީގައި ތިއްބެވި ޕީއެންސީގެ މެމްބަރުން ވަނީ އަމީންގެ ވާހަކައަށް ދެކޮޅު ހައްދަފާވާއެވެ. މެމްބަރު ރިފާއުގެ އިސްލާހު ހުށަހަޅާފައި ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރާ ދުވަސްތައް ނުގެއްލޭ ގޮތަށް ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރުމަށް ފަހު ކޮމިޓީން އިސްލާހު ފާސްކުރީ ހަ މެމްބަރުންގެ ތާއިދާއެކު ކަމަށްވާއިރު، އިސްލާހާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.
އާންމުކޮށް ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް ޖަލްސާއެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.