ދަރަންޏެއް ސާބިތުވެ، މެންބަރު ސިނާގެ ގޮނޑިއާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް

މުޙައްމަދު ސިނާން: އޭނާގެ މައްޗަށް ދަރަންޏެއް ސާބިތުވެ، އޭނާގެ ގޮނޑި ގެއްލުނުތޯ ބެލުމުގެ މައްސަލައެއް ވަނީ ސުޕްރީމް ކޯޓަށް ހުށަހައިފައި --

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)ގެ މައްޗަށް މެޖިސްޓްރޭޓް ކޯޓެއްގައި ދަރަންޏެއް ސާބިތުވުމުން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް އެދި އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއްގައެވެ. އެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14ގައި ނިންމި އެ މައްސަލައިގައިވަނީ، އެމްއައިބީން ނަގައިފައިވާ ސޭލް އެންޑް ލީސްބެކް ފައިނޭންސިންގެ ދަށުން އެ ތިން މީހުން އެ ބޭންކަށް 2.52 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ފެސިލިޓީގެ ބާކީގައި ހުރި 2.44 މިލިއަން ރުފިޔާއާއި ޗެރިޓީގެ ގޮތުގައި އަރައިފައިހުރި 75،789.01 ރުފިޔާއެވެ.

އެ ހުކުމުގައިވަނީ، އެ ފައިނޭންސިން ފެސިލިޓީއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމާ ހަމައަށް، ފެސިލިޓީއާ ގުޅިގެން މަހުން މަހަށް އަރަމުންދާ މަންތުލީ ރެންޓަލް އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާއާއެކު، ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދުނޫން އަދަދެއް އެމްއައިބީއަށް ދައްކަމުން ގޮސް އެ ފައިސާ ޚަލާސް ކުރުމަށް އަންގައިފައެވެ.

އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފެސިލިޓީއާ ގުޅިގެން ރަހުނުކޮށްފައިވާ ސިނާނުގެ 'ރޯދި' ދޯނިއާއި ސަލީމްގެ 'ޕްރެޝަސް' ގޯއްޗާއި އެ ގޯތީގައިވާ އިމާރާތްތަކާ ގުޅޭ ރަހުނު އެއްބަސްވުންތަކުގައިވާ ކަންކަން ތަންފީޒުކޮށް އެ ފެސިލިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާ ހޯދުމުގެ ބާރު އެމްއައިބީއަށް ލިބޭނެ ކަމަށް ވެސް މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވެއެވެ.

އެ ހުކުމްކުރީ ތިން މީހުންގެ ޣައިރު ހާޒިރުގައެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

ގާނޫނު އަސާސީގައި، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި، އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުން ހިމަނައިފައިވެއެވެ.

އެހެންކަމުން، ސުޕްރިމް ކޯޓަށް ހުށަހަޅައިފައި ވަނީ، މި މައްސަލައިގައި ސިނާގެ ގޮނޑިއާމެދު ގޮތެއް ނިންމުމަށެވެ.

comment ކޮމެންޓް