ޕާޓީތަކަށް ދެން މީހުން ވެއްދޭނީ އީސީގެ ޕޯޓަލެއް މެދުވެރިކޮށް

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން: އީސީގެ ޕޯޓަލެއް މެދުވެރިކޮށް ނޫނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދޭ ގޮތަށް ހަދައިފި -- ފޮޓޯ/ އެމްޑީޕީ

ސިޔާސީ ޕާޓީތަކަށް ދެން މީހުން ވެއްދޭނީ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލެއް މެދުވެރިކޮށް ކަމަށް ކަނޑައަޅައި، ގަވައިދަށް މިއަދު އިސްލާހު ގެނެސްފިއެވެ.

އީސީން މިއަދު ގެޒެޓުކުރި ގަވައިދުގައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދައަށް އުދޭ ދުވަހުން ފެށިގެން ތިން މަހުގެ ތެރޭގައި މަދުވެގެން 3،000 މީހުންގެ މައުލޫމާތާއި މިހާރު ހުރި ޕާޓީތަކަށް މެމްބަރުން އިތުރުކުރުމަށް އެ ކޮމިޝަނުގެ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން، އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މެމްބަރު އީސީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއަށް ހުޅުވާލާނެ ކަމަށް ބުނެފައިވެއެވެ.

އެ ޕާޓީތައް ދަފުތަރުކުރުމަށް ހުށަހަޅާ މެމްބަރުންގެ މައުލޫމާތު ސިޔާސީ ޕާޓީތަކުން ދިހަ އަހަރު ވަންދެން ބަލަހައްޓަން ޖެހޭ ކަމަށް ގަވައިދުގައި ބުނާއިރު، ޕޯޓަލް މެދުވެރިކޮށް ޕާޓީގެ ދަފުތަރު ކުރުމަށް ހުށަނޭޅޭ ހާލަތެއްގައި އެކަމަށް އީސީން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސްވެއެވެ.

މީގެއިތުރުން، ސިމެދަ ޕޯޓަލް ބޭނުންކުރުމަށް ހުއްދަ ދޭނީ އެކަމަށް އެދި އީސީގެ ހުއްދައަށް އެދުމުންނެވެ.

އީސީން މިގޮތަށް ގަވައިދު ބަދަލުކޮށްފައި ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ވަގު ފޯމު ހުށަހެޅިކަމަށް ބުނާ މައްސަލަައެއް ފެންމަތިވެފައި ވަނިކޮށެވެ.

ވަގު ފޯމުތަކުގެ މައްސަލަ އެމްޑީޕީންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި، ޕީޖީ އޮފީހަށް މިދިޔަ މަހުގެ 16ވަނަ ދުވަހު ހުށަހަޅައިފައެވެ. އަދި ވަކިވަކި ފަރުދުން ވެސް އަންނަނީ އެކަން އެހެން ހިނގައިގެން މައްސަލަ ހުށަހަޅަމުންނެވެ.

comment ކޮމެންޓް