ޣައްޒާއިން ފަލަސްތީނު މީހުން ބޭރެއް ނުކުރެވޭނެ: އުރުދުން

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ. ފޮޓޯ/ރޮއިޓާސް

ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުން އުރުދުންއާއި މިސްރު ހިމެނޭ ގޮތަށް އެހެން ގައުމުތަކަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާވާފައިވާ ރޭވުމާ ދެކޮޅު ހެދުމުގައި އުރުދުން ފަހަތަށް ނުޖެހޭނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.

ސަފާދީ އެގޮތަށް ވިދާޅުވެފައި ވަނީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ އާއި ޓްރަމްޕް ބައްދަލުކުރައްވާފައިވާވަނިކޮށެވެ.

"ބަދަލު ނުވާނެ އުރުދުންގެ ވަކި ގޮތްތަކެއް ހުންނާނެ. އުރުދުން، ނުވަތަ އެއްވެސް އަރަބި ދައުލަތަކަށް ފަލަސްތީނު މީހުން ބަދަލެއް ނުކުރެވޭނެ." އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ސަފާދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ އިންސާފުވެރި ސުލްހައަކަށް. އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ ދެ ދައުލަތުގެ ހައްލު ތަންފީޒު ނުކޮށް ކުރެވޭނެ ކަމެއް ނޫން. ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމުގެ ހައްގަށާއި އެ ބިމުގައި އެމީހުންގެ މިނިވަން އަމިއްލަ ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރާނަން."

އުރުދުން އާއި މިސްރުން ވަނީ ގެދޮރު ގެއްލުވާލާފައިވާ ފަލަސްތީނު ރައްޔިތުން ބަލައިގަތުމާވެސް ދެކޮޅު ހަދާފައެވެ. ނަމަވެސް ބޭސް ފަރުވާއަށް ބޭނުންވެފައިތިބި ފަލަސްތީނުގެ 2000 ކުދިން އުރުދުން އިން ބަލައިގަންނާނެ ކަމަށް ސަފާދީ ވިދާޅުވިއެވެ.

އެގާރަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ އުރުދުންގައި މިހާރުވެސް ފަލަސްތީނުގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެއެވެ.

ސަފާދީ ވިދާޅުވީ އަރަބި ގައުމުތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ފަލަސްތީނު ރައްޔިތުން އެހެން ގައުމުތަކަށް ބަދަލު ނުކޮށް، ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް ކަމަށެވެ.

ފަލަސްތީނު އޮތޯރިޓީ އާއި ހަމާސް އަދި އަރަބި ގައުމުތަކުން ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމާ ދެކޮޅު ހަދާފައެވެ. ޗައިނާއިން ވެސް ވަނީ ޣައްޒާ ނިސްބަތްވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަށް ބުނެފައެވެ.

comment ކޮމެންޓް