ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދު ކައިރިން ފެންސު ޖަހާފައިވާ ސަރަހައްދަށް ވަދެވޭނީ، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ލިޔުމުން ހޯދައިގެންކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ސަރަހައްދަކީ މިވަގުތު މަސައްކަތް ހިނގަމުންދާ ސަރަހައްދެއްކަމުން ގިނަ އަދަދެއްގެ ބަރު އުޅަނދުތައް އެ ސަރަހައްދުގައި ބޭނުންކުރާކަމަށެވެ.
އެޗްޑީސީން ބުނީ މި ސަރަހައްދަށް ވަދެނުކުތުން މަނާކޮށްފައިވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
މީގެއިތުރުން، މި ސަރަހައްދުގައި ޗެނަލް ކޮނުމާއި، އަސޭރިއާ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދާ ފަރާތުގެ އިތުރުން އެހެން ބޭނުމަކަށް މި ސަރަހައްދަށް ވަންނަން ޖެހިއްޖެ ހާލަތެއްގައި، އެ ކޯޕަރޭޝަނުން ދޫކުރާ ހުއްދަ އޮވެގެން ވަދެވޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
"މި ކޯޕަރޭޝަނުގެ ކަމާބެހޭ ފަރާތުގެ ހުއްދަ ލިބިގެން އެ ސަރަހައްދަށް ވަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ސަލާމަތީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ދަންނަވަން" އެ ބަޔާނުގައިވެއެވެ.
ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދުގައި ކުރިއަށްގެންދާ އަސޭރިއާ ޕްރޮޖެކްޓަކީ ހުޅުމާލޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ލަގްޒަރީ ހައުސިން މަޝްރޫއެވެ.