އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މިހާރު އެ ކޮމިޝަންގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުޙައްމަދު ޒާހިދު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ނަން ހުށަހަޅުއްވައިފިއެވެ.
އެ ކަމުގައި މިދިޔަ މަހުގެ 26ވަނަ ދުވަހު ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ މިއަދު އިއްވައިފައިވާއިރު ރައީސް އެދިވަޑަައިގެންފައިވަނީ ރައީސްކަމަށް ޒާހިދު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނުމަށާއި، ނައިބު ރައީސްކަމަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރުމަށް ރުހުން ދިނުމަށެވެ.
އެ ދެ ބޭފުޅުންގެ ނަން މިހާރު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާކުރަން މިއަދު ފޮނުވައިފައެވެ.
ރައީސް މުއިއްޒު, އީސީގެ މެންބަރު ކަމަށް ޒާހިދާއި ސަލާހްގެ އައްޔަންކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހެވެ. އެ ދެ ބޭފުޅުން އީސީގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ މަހުގެ 16ވަނަ ދުވަހު 68 މެންބަރުންގެ އިއްތިފާގުންނެވެ.
ޒާހިދު ވަނީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސްކަން ކުރައްވައިފައެވެ. އޭނާ އެ މަގާމުން ވަކިކުރީ 2020ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އަދި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
ޞަލާހަކީ މީގެ ކުރިން އީސީގެ ސެކެރެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީގެ މަގާމު ވެސް އޭނާ ވަނީ މީގެ ކުރިން އަދާކުރައްވާފައެވެ.