ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ނުލިބި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީތީ އަދިވެސް އުފާކުރައްވާ ކަމަށާއި އެދެނީ އެ މަނިކުފާނު ވައުދުތަކަށް ރުޖޫއަވާން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ހުވާކުރެއްވިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެއަށް ފަހުގައި އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޔާމީންގެ އާ ޕާޓީ ޕީއެންއެފުން ސިލްސިލާ ގޮތެއްގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އަދިވެސް އެމްޑީޕީއަށް ވެރިކަން ނުދިޔައީތީ އުފާކުރައްވާ ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_17192545328ZxrE.jpg)
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް: އެ މަނިކުފާނު ވިދާޅުވީ، ސަރުކާރު ގޯސް ކަމަށް، އެކަމަކު އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބުނީތީ އުފާކުރައްވާ ކަމަށް -- ސަން ފޮޓޯ/ ނާއިޝް ނާހިދު
"އަދިވެސް އަޅުގަނޑު އުފާކުރަން އެމްޑީޕީއަށް ވެރިކަން ނުދިޔައީމާ، އަދިވެސް އަޅުގަނޑު އުފާކުރަން އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެރިކަން ނުދިޔައީމާ.. އެއީކީ ބަލައިގަންނަން ފަސޭހަ ނަމޫނާއެއް ނޫން،" އެ މަނިކުފާނު މި ސަރުކާރަށް ފާޑުވިދާޅުވުމަށް ފަހު ފާހަގަކުރެއްވިއެވެ.
"އެމްޑީޕީގެ ވެރިކަމަކީ އެއްވެސް ދާއިރާއަކުން ބަލައިގަންނަން ފަސޭހަ ވެރިކަމެއް ނޫން. ރާއްޖެ ހަލާކުކުރި ބައެއް އެއީ އެނގޭތޯ،"
އެ މަނިކުފާނު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ 'މުޑުވަކުން' ނުކުތް ބޭފުޅަކަށް ވެރިކަން ލިބުނީތީ އަދިވެސް އުފާކުރައްވާ ކަމަށެވެ.
ޔާމީން ވިދާޅުވީ، މި ސަރުކާރުން ވެސް ކަންތައްތައް ކުރައްވަމުން ގެންދަވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ކަންތައްތައްކުރި އުސޫލުން ކަމަށެވެ. އޭރު ކުރަމުން އައި އިސްރާފުތަކާއި ބޭކާރު ޚަރަދުތައް އަދިވެސް ނުހުއްޓޭ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
އެހެންވެ، މި ސަރުކާރު ވެސް އަލުން ވައުދުވި ގޮތަށް ރުޖޫއަވާން އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_169709608642ldbW.jpeg)
ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަސް ރައީސް މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް
"އަޅުގަނޑު އެދެނީ އޭނާގެ މަސައްކަތް ތަރުތީބުކުރައްވައި، އަލުން އެ ދެއްކެވި ވާހަކައަށް އިޔާދަވާން. ރުޖޫއަވާން ދެއްކި ވާހަކައަށް. ރުޖޫއަވެފައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭތޯ ބައްލަވާ އެނގޭތޯ. އަޅުގަނޑެއް ތާއީދެއް ނުކުރާނަން އެމްޑީޕީގެ ވެރިކަމަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވާ ވާހަކަފުޅަށް ވެސް ތާއީދުނުކުރައްވާނެ ކަމަށެވެ.
ގާސިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ދުވަހު އޭނާ ވިދާޅުވީ، ގައުމު އިގުތިސާދީ ގޮތުން މި ހާލަތަށް ދިޔައީ މިދިޔަ ސަރުކާރުތަކުގެ ސަބަބުން ކަމަށާއި މި ވަގުތު ގައުމު ހަލަބޮލިކޮށްފި ނަމަ އޭގެ ގެއްލުންވާނީ ގައުމަށް ކަމަށެވެ. އިގުތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވާހަކަތަކަށް އިޝާރާތްކުރައްވާ ޔާމީން ވަނީ އެ ސަރުކާރުތަކުގައި ގާސިމް ހުންނެވީ ކޮންތާކުތޯ ސުވާލު އުފައްދަވައިފައެވެ. އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ގާސިމް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހުސްވާން އުޅޭހެން ހީވާތީ އެ މަގާމުގެ ދަހިވެތިކަމުގައެވެ.
"މިހާރު ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހުސްވާހެން ހީވީމާ ހަމަ މި ވައުދު އިއްވާ ނިންމަނީ. މި މީހުން މި ވާހަކަ ދައްކާއިރު ގަބޫލެއް ނުކުރެޔޭ މި މީހުންގެ ފަސްބައި އެހެން މީހުން ބަލައިލާ ކަމެއް،" ޔާމީން ނުރުހުން ފާޅުކުރެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ މީހުން އަމަލުކުރާ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް ސިޔާސީ ކަންކަން މަތިން ފޫހިވެފައިވާ ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ބައި-އިލެކްޝަންތަކަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބެއެވެ. އެއީ، ސިޔާސީ މީހުންގެ ބަހާއި އަމަލު ދިމާނުވާތީ އެ މީހުންނާއި ސިޔާސީ ކަންކަން މަތިން ރައްޔިތުން ފޫހިވެފައި ތިބި މިންވަރުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"އަޅުގަނޑު ދެރަވަނީ ހަމަ ހަގީގަތުގައި ވެސް ސިޔާސީ މީހުން މި ކުރާ ކަންކަމުން ރައްޔިތުން މި ކަމާ ދުރުވެ، ފޫހިވެ، ދުރަށް ދިޔައީމާ އެއީ ހަމަ އަޅުގަނޑުމެން އަޅުގަނޑުމެންގެ ގައުމު ހަލާކުކޮށްލެވެނީ އެނގޭތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރާ ހިޔާލު ތަފާތުވެ، ޕީއެންއެފް އުފެއްދެވި ފަހުން ކޮންމެ ހަފުތާއަކު ބާއްވަވާ ސިލްސިލާ ޖަލްސާތަކުގައި މި ސަރުކާރުގެ ސިޔާސަތުތަކަށް ޔާމީން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.