ފެންނަނީ "ޓްރެއިނިން ވީލްގައި" ކުރިއަށްދާ ސަރުކާރެއް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް -- ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެ މަނިކުފާނުގެ ވަޒީރުން ކަންކުރައްވާ ގޮތާއެކު ފެންނަނީ އެއްވެސް އަމާޒެއް، ރޭވުމެއް ނެތި "ޓްރެއިނިން ވީލް"ގައި ކުރިއަށްދާ ސަރުކާރެއް ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރު މީކާއިލް ވަނީ ޓެކްސީ ޑްރައިވަރުން މިދިޔަ ޑިސެންބަރު 11ގައި ކުރި އިހުތިޖާޖަށް ހުރަސް އަޅައި، ޓެކްސީތައް ޓޯކޮށް އެ ޚިދުމަތްދޭ މީހުންގެ އަސާސީ ހައްގުތަކަށް ހުރަސް އެޅޭހެން ސަރުކާރުން އަމަލުކުރާ ކަމަށް ބުނެ ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފައެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންވަނީ އެ ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެންނަ ކަމަށް ވޯޓުދީފައެވެ.

އެއާއެކު އެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް، އެ މީހުންގެ ދިރިއުޅުމުގެ މަސައްކަތް ހުއްޓައިލުމަށްފަހު އިހުތިޖާޖަށް ނިކުންނަން މަޖުބޫރުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މަޖިލީހުގެ ކޮމިޓީގައި ވަކި ވާހަކައެއް ދައްކަވައި، ޑްރައިވަރުންނާ ދެއްކެވި ވަހަކަ ދިމާނުވުމުން ކަމަށް މީކާއިލް ވިދާޅުވިއެވެ. މުޅި ސަރުކާރުން ވެސް ފެންނަނީ އެ މަންޒަރުކަމަށާއި، ދައްކާ ވަހަކައަށްފަހު އެއާ އިދިކޮޅަށް އަލުން އަމަލުކުރާ ތަން ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

"މި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް ތަކުރާރުކޮށް ފެންނަނީ އިއްޒަތްތެރި ރައީސް، ކެބިނެޓް މިނިސްޓަރުން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް މި ރައްޔިތުންގެ މަޖިލީހަށް ޑޮކިއުމަންޓެއް ފޮނުއްވާއިރު ވެސް އޭގެ އުނބަށް ޖައްސަވާ ޖެހިގެން އަންނަ ހަފުތާގައި. އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތިި، އެއްވެސް ކަހަލަ އަމާޒެއް ނެތި މަސައްކަތްތައް ފެއްޓެވީމާ އަޅުގަނޑަށް ހީވަނީ ހަމަ ޓްރެއިނިން ވީލްސްގައި އޮންނަ ސަރުކާރެއްހެން ދާ މަންޒަރު އަޅުގަނޑުމެން އެންމެނަށް ވެސް ފެނިގެންދާނޭ،" މީކާއިލް ވިދާޅުވިއެވެ.

އެއާއެކު އޭނާ ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި، އެ ޚިދުމަތް ހޯދާ މީހުންގެ ކަންބޮޑުވުންތައް އަހައި ދެކޮޅު ޖެހޭ ސިޔާސަތެއް އެކުލަވައިލަން ގޮވައިލައްވައިފައެވެ.

މީގެ އިތުރުން މީކާއިލް ވަނީ ރިޔާސީ ބަޔާން އިއްވި ދުވަހު ކަން ހިނގައިދިޔަ ގޮތަށް ފާޑު ވިދާޅުވެ، މަޖިލިސް ރައީސް އަބްދުއްރަހީމަކީ މިއަދު އަމިއްލަ އިޚްތިޔާރެއް، ބާރެއް ނެތް މީހެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ޚުދު އަބްދުއްރަހީމް ވެސް ހުންނެވީ އޭނާގެ މަގާމު ގެއްލޭނީ ކޮންއިރަކުކަން ނޭނގޭ ހާލަތުގައި ކަަމަށް ބިރެއްގެ ތެރޭގައިކަމަށް މީކާއިލް ވިދާޅުވޮއެވެ.

"އެއީ ރައްޔިތުންގެ މަޖިލީހުން ދެން އެ މަނިކުފާނުގެ ގޮނޑިކޮޅުން އެ މަނިކުފާނު އެކަހެރިކުރައްވާނީ ކޮން ވަގުތެއްގައިތޯ އެ މަނިކުފާނު ވެސް ހުންނެވީ އެ ސުވާލު މާކުގައި އިއްޒަތްތެރި ރައީސް،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރީ ގާނޫނު އަސާސީއާއި، ގާނޫނުގެ ރޫހާ އެއްގޮތަށް އަމަލުކުރާނެ ސަރުކާރެއްގެ ގޮތުގައެއް ނޫން ކަމަށެވެ.

comment ކޮމެންޓް