ފަސޭހަކޮށްލައިގެން ތިއްބާ ދެވަނަ ޑިވިޝަންގެ ފުލުގައި އޮތް ޕްލީމުތު އަތުން ލިވަޕޫލް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގައި ޕްލީމުތު އާގައިލް އަތުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.

ޕްލީމުތުގެ ދަނޑުގައި ކުޅުނު ހަތަރުވަނަ ބުރުގެ މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ.

މެޗުގައި ވާދަކުރި ލިވަޕޫލް ޓީމަށް ކޯޗު އާން ސްލޮޓްވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، ކެޕްޓަން ވާޖިލް ވެން ޑައިކާއި މުހައްމަދު ސަލާހް ޓީމު ލިސްޓުގައި ވެސް ނެތެވެ. ލިވަޕޫލުން ފަސޭހަވާނެ ކަމަށް ބެލި މި މެޗު ވީ އެ ޓީމު ކުޅުންތެރިންނަށް ވަރަށް އުނދަގޫ މެޗަކަށެވެ.

މެޗުން ޕްލީމުތު މޮޅުވި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރަޔަން ހާޑީއެވެ. ފަހު ވަގުތު ކޮޅުގެ ތެރޭގައި ނަތީޖާއަށް ބަދަލު ގެނެވޭތޯ ލިވަޕޫލުން މަސައްކަތްކުރި ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ.

ޗެމްޕިއަންޝިޕް ތާވަލުގެ އެންމެ ފުލުގައި އޮތް ޕްލީމުތު އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ މައްޗަށް ހޯދި މި ކާމިޔާބީއާ އެކު ޕްލީމުތު މި ވަނީ މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފައެވެ. މިއީ މި ފަހަރު އެފްއޭ ކަޕްގައި މިހާތަނަށް ނުކުތް އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެވެ.

މި މުބާރާތުގައި އެސްޓަން ވިލާއާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، ވިލާ ވެސް ވަނީ ފަސްވަނަ ބުރުން ޖާގަ ހޯދައިފައެވެ.

މެޗުގައި ވިލާއިން ކާމިޔާބުކުރި ދެ ލަނޑު ކާމިޔާބުކޮށްދިނީ ޖޭކޮބް ރަމްސީއާއި މޯގަން ރޮޖާސެވެ. އަދި، ސްޕާސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މަތީސް ޓެލްއެވެ. މިއީ ޓެލް ސްޕާސްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ވުލްވަހެމްޕްޓަން ވޮންޑަރާސްއާއި ބްލެކްބާން ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ވުލްވްސް ވެސް ވަނީ ފަސްވަނަ ބުރުން ޖާގަ ހޯދައިފައެވެ.

comment ކޮމެންޓް