ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުން ލިބުނީ މާޔޫސްކަން ކަމަށާއި، ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ވެސް މި ސަރުކާރާމެދު ނަފުރަތު އުފެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގްރާމްގައި ޔައުގޫބު ވިދާޅުވީ، ގައުމުގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ދެއްވާ ރިޔާސީ ބަޔާނަކީ ވަރަށް ބޮޑު އުންމީދުތަކެއް ކަމަށެވެ. އަދި، މަގާމުތަކުގައި ތިއްބެވި ވެރީންގެ މަސައްކަތްތައް ވެސް ބައްޓަން ކުރަނީ އޭގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ހަމަ އެންމެ ކަމެއް ވެސް ކުރައްވާފައިނުވާ ކަމަށާއި، މި ސަރުކާރުގެ ފަރާތުން ފެންނަނީ ރޭވުންތެރި ކަމެއް ނެތި ކަންކަން ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޔައުގޫބުގެ ވާހަކައިގައިވަނީ ރިޔާސީ ބަޔާން އިއްވެވި ވަގުތު، އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުން ބޭރުކުރުމުން އެ ކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ރިޔާސީ ބަޔާނުން ސިފަވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށް ފަހު، ދެން އައި ވެރިކަމުގައި ރިޔާސީ ބަޔާން އިއްވެވި ތަނެވެ.
"....ރިޔާސީ ބަޔާނުގައި އަޅުގަނޑުމެންނަށް ލިބުނީ މާޔޫސްކަން. ދޮގު މައްޗަށް ދޮގު ހެދުން ނޫން އެއްކަމެއް ވެސް ނުކުރޭ. އެހެންމާ ރާއްޖޭގެ ރައްޔިތުންނަށް، އަދި ސަރުކާރު ހޮވައިދިން ރައްޔިތުންނަށް އެއިން އެއްވެސް އުންމީދެއް މަންފާއެއް ނެތް، ތާކުންތާކު ނުޖެހޭ ބަޔާނެއް އިއްވީ," ޔައުގޫބު ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައިވަނީ ޒުވާނުން މި ސަރުކާރާމެދު ދެކޭގޮތުގެ މައްޗަށް ވެސް އަލިއަޅުވާލައްވައިފައެވެ.
ގައުގޫބު ވިދާޅުވި ގޮތުގައި 18 އަހަރު ފުރޭ ކުދީން ސަރުކާރު ސިފަކުރަނީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ, ދަރިވަރުންނަށް ނުތިބެވިގެން، އެކިއެކި ދިމަދިމާލުގައި އެ ވާހަކަ ދައްކަމުން ވެސް ގެންދާ ކަމަށެވެ.
"ޚާއްސަކޮށް އަލަށް 18 އަހަރު ފުރޭ ކުދީން، މި ސަރުކާރާމެދު ވަރަށް ހިތްހަމަނުޖެހޭ. ވަރަށް ނަފުރަތުކަން އޮވޭ... އެ ކުދީން އެ ބުނަނީ ތިމަންނާމެންނަށް ހަމަ މި ސަރުކާރުން ރައީސް މުއިއްޒު ޓޯޗާ ކުރެއޭ. ހަމަ އެ ބަސް ބޭނުންކުރީ... މިއީ ދުވަހަކު ވެސް ދަރިވަރަކު އަޅުގަނޑު ކައިރީގައި ސަރުކާރެކޭ ކިޔައިގެން ދެއްކި ވާހަކައެއް ނޫން،" ޔައުގޫބު ވިދާޅުވިއެވެ.
ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަކީ ސިޔާސީ ކަންކަމުގައި އެއްވެސް ވަރަކަށް އުޅޭ ބައެއް ނޫންކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ، ދަރިވަރުންގެ މެދުގައި ސަރުކާރަށް ނަފުރަތު އުފެދުމަކީ އެ ކުދީންގެ ދިރިއުޅުމަށް ނުރަނގަޅު އަސަރު ކުރާ ގޮތަށް ސަރުކާރުން ކުރި ކަންކަމުގެ ނަތީޖާ ކަމަށެވެ.
"... އެހެންވީމާ ދެން އަންނަ ފަހަރުން ވޯޓުލެވޭއިރު ދުވަހަކު ވެސް، ރައީސް މުއިއްޒަކަށް ވޯޓެއް ނުލާނަމޭ،" ޔައުގޫބު ވިދާޅުވިއެވެ.
މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ދަރިވަރުންގެ ފަރާތުން އިވޭ އަޑުތަކެއް ނޫންކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ، މިހާރު ރައީސް މުއިއްޒު ދައްކަވާ ވާހަކަ ގަބޫލުކުރާނެ މީހަކު ނުވާނެ ކަމަށެވެ.