މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގައި ވޯޓުލީ 55.41 ޕަސަންޓު މީހުން

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން -- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 55.41 ޕަސަންޓު މީހުން ވޯޓު ލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

މިއަދުވަނީ 12 ބައި-އިލެކްޝަނެއް ބާއްވައިފައެވެ. އެއީ ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށާއި، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިތުރުން، އިތުރު 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން -- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މިއަދު މެންބަރުން އިންތިޚާބުކުރާ ރަށްތަކަކީ ހދ. ހިރިމަރަދޫއާއި، ނ. މިލަދޫއާއި، ނ. ފޮއްދޫއާއި، ރ. އިންނަމާދޫއާއި، ބ. ގޮއިދޫއާއި، އދ. ހަންޏާމީދޫއާއި، ދ. ހުޅުދެއްޔާއި، ލ. ގަމާއި، ތ. ބުރުނީގެ އިތުރުން ގއ. ކަނޑުހުޅުދޫއެވެ.

އިންތިޚާބުތަކުގެ ވޯޓުލުން ކުރިޔަށް ގެންދަނީ ހެނދުނު 08:00އިން ހަވީރު 16:00ގެ ނިޔަލަށެވެ.

ހަވީރު 16:00ގެ ނިޔަލަށް ވޯޓުލާފައިވާ މީހުންގެ އަދަދުތައް އީސީން އާންމުކޮށްފައިވާއިރު، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 11،325 މީހުންގެ ތެރެއިން ވޯޓުލީ ޖުމްލަ 6،275 މީހުންނެވެ. އެއީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 55.41 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 3،292 އަންހެނުންނާއި 2،983 ފިރިހެނުންނެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން -- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

އީސީން ބުނެފައިވާ ގޮތުގައި މި ބައި-އިލެކްޝަންތަކަށް ވަނީ ޖުމްލަ 11،325 ވޯޓު ކަރުދާސްކޮޅު ޕްރިންޓުކޮށްފައެވެ.

ބައި-އިލެކްޝަންތަކަށް ދައުލަތުން ކުރާ ޚަރަދުތައް ބޮޑުވަމުންދާ މައްސަލަ ހައްލުކުރުމަށް ޓަކައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ، ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ކަނޑައަޅާ ބިލެއް ފާސްކޮށްފައެވެ. އޭގެ ކުރިން ގާނޫނުގައި އޮންނަނީ ކައުންސިލް ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހުގެ 18ގައި އެ ބިލް ތަސްދީގު ކުރައްވައިފައެވެ.

އެ އިސްލާހުގެ ދަށުން، މިއަދު ބާއްވާ ބައި-އިލެކްޝަންތަކަކީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.

comment ކޮމެންޓް