އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވައިފިއެވެ.
އެ ކަމަށް އަމުރު ކުރައްވައި ރިޔާސީ ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ، އެ ކޯޓުން ވަނީ އެމެރިކާއާއި އިސްރާއީލަށް އަމާޒުކޮށް ޢައިރު ޤާނޫނީ އަދި އެއްވެސް އަސާސެއް ނެތް އަމަލުތަކެއް ހިންގާފައި ކަމަށެވެ.
ޓްރަމްޕް ވަނީ އައިސީސީގެ އޮފިޝަލުންނާއި މުވައްޒަފުންނާއި އެ މީހުންގެ އާއިލާގެ މެންބަރުންގެ އިތުރުން އެ ކޯޓަށް އެހީތެރިވި ކަމަށް ބެލެވޭ މީހުންނަށް މާލީ ގޮތުން ފިޔަވަޅު އަޅައި، ވިސާގެ ހުރަސްތައް އެކަށައަޅައި ދަތުރުކުރަން މަނާކުރަން އަމުރުކުރައްވާފައެވެ.
ޓްރަމްޕް އެ ފިޔަވަޅު އަޅުއްވާފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ދަތުރުކުރައްވައި، އެ މަނިކުފާނާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އައިސީސީން އެމެރިކާގެ މި ނިންމުމާ މެދު މިހާތަނަށް އެއްޗެއް ބުނެފައި ނެތް ނަމަވެސް، އެ ކޯޓު ހުންނަ ނެދަލެންޑްސްއިން ވަނީ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އައިސީސީން ވަނީ ނަތަންޔާހޫއާއި އިސްރާއީލުގެ އޭރުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ.
އެ ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ނަތަންޔާހޫއާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް އަދި ހަމާސްގެ މުހައްމަދު ޟައިފް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމަށެވެ.
އައިސީސީއަކީ ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ދައުވާ އުފުލުމުގެ ބާރު ލިބިގެންވާ ކޯޓެކެވެ.
އެމެރިކާއާއި އިސްރާއީލަކީ އައިސީސީގެ މެންބަރުން ނޫން ނަމަވެސް 120 އަށް ވުރެ ގިނަ ގައުމު އައިސީސީގެ މެމްބަރުންގެ ގޮތުގައި ހިމެނެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ޔޫރަޕްގެ ގިނަ ގައުމުތައް ހިމެނެއެވެ.
އެއިން ގައުމަކަށް އައިސީސީފެ އަމުރު ރައްދުވާ މީހަކު ހިނގައްޖެ ނަމަ ހައްޔަރުކުރަން ލާޒިމުވާނެއެވެ. ނަމަވެސް، އެފަދަ އަމުރުތައް ތަންފީޒުކުރުމުގެ ބާރު އައިސީސީއަކަށް ނޯވެއެވެ.