ބޮޑު 2 އިންތިޚާބު އެއްކޮށްލުން ހިމެނޭހެން މި އަހަރު ގިނަ ބިލުތަކެއް

މީހަކު ވޯޓުލަނީ: އިންތިޚާބުތައް އެއްކޮށްލާ ބިލު މި ދައުރުގައި ހުށަހަޅަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށް ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހު ހިމެނޭހެން މުހިންމު ގިނަ ބިލުތަކެއް މި އަހަރު ހުށަހަޅުއްވާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިދިޔަ އަހަރު ތެރޭ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް 35 ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް އޭގެ ތެރެއިން 30 ބިލެއް މަޖިލީހުން ފާސްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން، އެ ބިލުތަކުގެ ތެރޭގައި ހިމެނެނީ 21 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލާއި އާ އަށް ބިލާއި ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމުގެ ބިލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބިލުތަކުގެ ތެރެއިން އެންމެ މުހިންމު ބިލެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ ރާއްޖޭގައި ބޭރުގެ ސިފައިން ދާއިމީކޮށް ތިބުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހާއި ރާއްޖޭގެ ސަރަަހައްދަށް އުނި އިތުރެއް އަންނާނެ ކަމެއް ކުރުމުގެ ކުރީން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ގޮތަށް ގާނޫނަށް ގެނައި އިސްލާހެވެ.

ސަރުކާރުގެ ވަޒީރުންނާ މަޖިލީސް މެންބަރުން ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި --- ފޮޓޯ/ މަޖިލީސް

އޭގެ އިތުރަށް އިންތިޚާބުވުމަށް ފަހު ޕާޓީ ބަދަލުކުރުމުން މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ވެސް މުހިންމު އިސްލާހެއް ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމުކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހުތަކާއި އޮންލައިން ފްރޯޑްގެ މައްސަލަތަކާއި ސައިބާ ވަޔަލަންސް މައްސަލަތައް ހުއްޓުވުމަށްޓަކާ ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭ،ރައީސް ޑރ. މުޙައްމަދު މުއިއްޒު

އެއާ އެކު، ރައީސް މުއިއްޒު ވަނީ މި އަހަރު ތެރޭ ހުށަހަޅަހަން ގަސްދުކުރައްވާ ބައެއް ބިލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން،

  • ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅާ އިސްލާހު
  • ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކުގައި ބާއްވާ ގޮތަށް ބަދަލުކުރާ އިސްލާހު
  • ނޮވެންބަރު 11ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާ ބިލެއް ހުށަހެޅުން
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް ބަދަލުކުރަން ހުށަހަޅާ އިސްލާހު
  • ކޮރަޕްޝަން ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނާށާއި ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހު
  • ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދަން އެސެޓް ރިކަވަރީއާ ބެހޭ ބިލެއް
  • ބޯހިޔާވަހިކަމުގެ ބިލެއް
  • މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލެއް

މަޖިލީސް މެންބަރުންތަކެއް ---- ފޮޓޯ/ މަޖިލީސް

ރިޔާސީ ބަޔާން ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ، މި ސަރުކާރުން ދެމިއޮންނަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި، ނަތީޖާ ނެރެދިނުމުގައި ކަމަށެވެ.

ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބީ ހޯދުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑުގެ ވާޖިބު، މަސްއޫލިއްޔަތު. މި މަސްއޫލިއްޔަތު އަދާކުރުމުގައި ހަމަ ކޮންމެ ރައްޔިތެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއްވަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު

ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ބަޔާންކުރި ކަންކަން ތަންފީޒުކޮށް، ނަތީޖާ ނެރެދެއްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

comment ކޮމެންޓް