ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ރޭ ވިހެއިތާ ގިނައިރުތަކެއް ނުވެ ނިޔާވިފަހުން، އޭނާގެ ދަރިފުޅު ވެސް މިއަދު ނިޔާވެއްޖެއެވެ.
ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށްފަހުގައެވެ.
މި ހާދިސާއާއެކު ބައެއް ފަރާތްތަކުން އަންނަނީ ފަރުވާ ލަސްވެ، އެ މައްސަލައިގައި އިހުމާލުތަކެއް ހިމެނޭކަމަށް ބުނަމުންނެވެ.
އެގޮތުން އެ ވާހަކަ ހިއްސާކުރި މީހަކު ބުނި ގޮތުގައި އެ ކަން ދިމާވާން މެދުވެރިވީ އެއާ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން އެ ދެ މީހުން ގޮވައިގެން އިތުރު ފަރުވާއަށް ނުފުރި ލަސްވުމުންނެވެ.
އެއާއެކު މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގައި އެ ފަދަ ބައެއް ހާދިސާތައް ހިނގައިފައިވާކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.