އިޝާން އާއި ބޫމީގެ 'ދަ ރޯޔަލްސް'ގެ ޓީޒާ ދައްކާލައިފި

އިންޑިއާގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމަނައިގެން ނެޓްފްލިކްސްއިން ގެނެސްދޭން ހަމަޖެހިފައިވާ "ދަ ރޯޔަލްސް"ގެ ޓީޒާ ދައްކާލައިފިއެވެ.

ފިލްމީ ތަރިން ކަމަށްވާ ޑީނޯ މޯރިއާ، މިލިންދު ސޯމަން، ޗަންކޭ ޕާންޑޭ، ވިހާން ސަމަތު، އިޝާން ހައްތަރު، ޒީނަތު އަމަން، ބޫމީ ޕެޑްނޭކަރު، ސާކްޝީ ތަންވަރު އަދި ނޯރާ ފަތޭހީ "ދަ ރޯޔަލްސް"އިން ފެންނާނެއެވެ.

މި ސީރީސް އަކީ މި ޒަމާނަށް ފެތޭނެ ކަހަލަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ނަމަވެސް ވަރަށް ޝާހީ ގޮތަކަށް ގެނެސްދޭ ސީރީސްއެކެވެ. ނެޓްފްލިކްސްއިން ރިލީޒްކޮށްފައިވާ ޓީޒާއިން އިޝާން އާއި ބޫމީއާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ ފެށުން ވަނީ ދައްކާލާފައެވެ.

މިއީ ނެޓްފްލިކްސްއިން މި އަހަރުތެރޭ ގެނެސްދޭނެކަން އިއުލާނުކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ސީރީސްއެވެ.

"ދަ ރޯޔަލްސް"ގެ ޓީޒާ އާއްމުކުރި ހަފްލާގައި ސީރީސްގެ ކާސްޓުން ބައިވެރިވަނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ސަބަބަކީ ބޮޑު ކާސްޓަކާ އެކު މި ސީރީސް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ވަރަށް ކުލަގަދަ ގޮތަކަށް ކަމަށް ވުމެވެ. ހަމައެއާއެކު މިއީ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ވަރަށް ގިނަ ދުވަސް ފަހުން ސްކްރީނުން ފެންނާނެ ސީރީސްއަށް ވުމީ ވެސް ބެލުންތެރިން "ދަ ރޯޔަލްސް"އަށް ޝައުގުވެރިވާ އެއް ސަބަބެވެ.

މި ސީރީސްގެ ޓީޒާ އާއްމުކޮށްފައިވީ ނަމަވެސް ނެޓްފްލިކްސްއިން "ދަ ރޯޔަލްސް" ޕްރީމިއާ ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

އިޝާން އާއި ބަތަލާ ބޫމީގެ ޖޯޑު އަލަށް ގެނެސްދޭ "ދަ ރޯޔަލްސް" އަކީ ނެހާ ވީނާ ޝަރުމާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީސްއެކެވެ. ޕްރިތިޝް ނެންދީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ސީރީސްގެ ޑައިރެކްޓަރަކީ ޕްރިޔަންކާ ގޯސް އަދި ނުޕޫރު އަސްތަނާއެވެ.

comment ކޮމެންޓް