ދާދިފަހުން އެކީގައި ފިލްމެއްގެ މަސައްކަތް ފެށި އިންޑިއާގެ ދެ ތަރިން ކަމަށްވާ ކާތިކް އާރްޔަން އާއި ސްރީލީލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް އަރައިފައި ވަނިކޮށް، ދަނބިދަރިއެއްގެ ގޮތުގައި ބޭނުންވަނީ ޑޮކްޓަރެއްކަމަށް ކާތިކްގެ މަންމަ ބުނެފިއެވެ،
އިންޑިއާގެ މީޑިއާގައި މި ވާހަކަ ވަރަށް ބާރަށް ދެކެވެމުން އަންނަނިކޮށް މި ހަފުތާގައި ބޭއްވި މި އަހަރުގެ އައިފާ އެވޯޑުގައި ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ސުވާލަކަށް ޖަވާބު ދެމުން ކާތިކްގެ މަންމަ ބުނެފައި ވަނީ، އާއިލާއަށް ދަނބިދަރިއެއްގެ ގޮތުގައި ގެންނަން ބޭނުންވަނީ ރަނގަޅު ޑޮކްޓަރެއް ކަމަށެވެ.
ކާތިކްގެ މަންމަ މަލާ ތިވާރީ ވަނީ މީގެކުރިން ވެސް މިކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން ކާތިކްގެ އާއިލާއިން ބައިވެރިވި "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގައި ކާތިކްގެ މަންމަ ބުނެފައި ވަނީ އެ އާއިލާގައި މުޅިންވެސް ތިބީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުން ކަމަށާއި ބޭނުންވީ ކާތިކް ވެސް އެ ރޮނގުން ކުރިއަށް ދިއުމަށް ކަމަށެވެ.

ކާތިކް މަންމަ މަލާ ތިވާރީއާ އެކު ކަޕިލް ޝަރުމާގެ ޝޯގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ނަމަވެސް ކާތިކް އެކްޓިންގް ދާއިރާ ޚިޔާރު ކުރުމުން ދެން އޮތްގޮތަކީ އަނބިމީހާގެ ގޮތުގައި ޑޮކްޓަރަކު ޚިޔާރުކުރުން ކަމަށް އެކްޓަރުގެ މަންމަ ވަނީ ބުނެފައެވެ.
ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ޑޮކްޓަރަކު ޚިޔާރު ކުރުމަށް ކާތިކްގެ މަންމަ ޑިމާންޑުކޮށްފައިވާއިރު ކާތިކް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނަމުން އަންނަ ސައުތު ބަތަލާ ސްރީލީލާ އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ.
ސްރީލީލާގެ މަންމަ އަކީ ވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. ދާދިފަހުން ކާތިކްގެ އާއިލާއިން އެކްޓަރުގެ ދައްތައަށް ހާއްސަކޮށްގެން ބޭއްވި ޕާޓީ ހަފްލާއެއްގައި ސްރީލީލާ ބައިވެރިވެ އުފާފާޅުކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.
ކާތިކް އާއި ސްރީލީލާ އަންނަނީ ބުޝަން ކުމާރު ޕްރޮޑިއުސްކޮށް އަނޫރާގު ބާސޫ ޑައިރެކްޓްކުރާ ފިލްމެއްގައި އެކީގައި މަސައްކަތް ކުރަމުންނެވެ. ޓީ-ސީރީސްއިން ގެނެސްދޭ މި ފިލްމުގެ ޓައިޓްލް ނަން އިއުލާނުކޮށްފައި ނުވާއިރު ފިލްމުގެ ޓީޒާ ކްލިޕެއް ވަރަށް ފަހުން ވަނީ ދައްކާލާފައެވެ.
ބެލެވޭގޮތުގައި މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފްރެންޗައިސް "އާޝިޤީ"ގެ ތިން ވަނަ ފިލްމެވެ.