ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ" މި އަހަރުގެ ޖުލައި މަހު ރިލީޒްކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އަނޫރާގު ޑައިރެކްޓްކުރާ މި އެންތޮލޮޖީ ފިލްމަކީ ބޮޑު ކާސްޓެއް ފެންނާނެ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެތެރޭ ސާރާ އަލީ ޚާން، ނީނާ ގުޕްތާ، ކޮންކަނާ ސެން، ފާތިމާ ސަނާ ޝޭހް، އަދިތިޔަ ރޯއި ކަޕޫރު، އަނޫޕަމް ހޭރު، އަލީ ފަޒަލް އަދި ޕަންކަޖް ކަޕޫރު ހިމެނެއެވެ.
ޓީ ސީރީސްއިން ޑިސްޓްރިބިއުޓްކުރާ މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ކަނޑައެޅި ނިމިފައި މިވަނީ ފިލްމު ރިލީޒްކުރާނެކަން އިއުލާނުކޮށް ތާރީޚުތަކެއް ނެރުމަށް ފަހު އެ ތާރީޚުތައް އެކި ފަހަރުމަތިން ބަދަލުގެނައި ފަހުންނެވެ.

އަނޫރާގު އަދި އަދިތިޔަ ފިލްމު "މެޓްރޯ އިން ދިނޯ"ގެ ޕްރޮޑިއުސަރު ބުޝަން ކުމާރު، މިއުޒީޝަން ޕްރީތަމް އަދި ބަތަލާ ސާރާ އަލީ ޚާންއާ އެކު--ފޮޓޯ/ރޭޑިއޯސިޓީ
މި ފިލްމަކީ ޓީ ސީރީސްއިން 2007ވަނަ އަހަރު އަނޫރާގު ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލްއެކެވެ. ކުރީގެ ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ބަތަލާ ޝިލްޕާ ޝެޓީ އަދި ކުރީގެ އެކްޓަރު އިރުފާން ޚާން ވެސް ވަނީ ފެނިފައެވެ.
ނަމަވެސް ޖުލައި މަހު ރިލީޒްކުރާ ފިލްމުން ކުރީގެ ކާސްޓުންގެތެރެއިން ފެންނާނެ ހަމައެކަނި ބަތަލާ އަކީ ކޮންކަނާ ސެންއެވެ. އަނޫރާގު މިހާތަނަށް އުފައްދާފައިވާ ކާމިޔާބު ފިލްމުތަކުގެތެރޭ ބަރުފީ، ގޭންގްސްޓާ އަދި ލުޑޯ ހިމެނެއެވެ.
ފިލްމު "މެޓްރީ އިން ދިނޯ"އަށްފަހު އަނޫރާގު ދެން މަސައްކަތް ފަށާނީ ޓީ-ސީރީސްގެ އެންމެ މަގުބޫލު ފްރެންޗައިސް ފިލްމު ކަމަށްވާ "އާޝިޤީ 3" އުފެއްދުމަށެވެ.
މި ފިލްމާ ބެހޭގޮތުން ރަސްމީކޮށް އެއްވެސް ވާހަކައެއް މީޑިއާއާ ހިއްސާކޮށްފައިނުވާއިރު އިންޑިއާގެ މީޑިއާތަކުން ބުނަމުން އަންނަނީ ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރްޔަން އަދި ސްރީލީލާ ކަމަށެވެ.