މަޝްހޫރު ބަތަލާ ބްލޭކް ލައިވްލީ އާއި ތަރި ޖަސްޓިން ބަލްޑޯނީގެ މައްސަލަ ކޯޓުގައި ހޫނުވާން ފަށާފައިވަނިކޮށް ބްލޭކް އާ ދެކޮޅަށް ޕީއާރު ފާމްއަކުން މައްސަލައެއް ހުށަހަޅައިފިއެވެ.
މިދިޔަ އަހަރު ނެރުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައިވަނީ ތަފާތު އެކި ކަންތައްތައް ހިނގައިފައެވެ. ނަތީޖާއެއްގެ ގޮތުން ބްލޭކް ވަނީ އޭނާގެ ކޯ ސްޓާ ބަލްޑޯނީ އާ ދެކޮޅަށް މައްސަލަތަކެއް ހުށަހަޅާފައެވެ.
ބަލްޑޯނީ އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި އެކި ކަހަލަ ފުރައްސާރައިން ފެށިގެން ޖިންސީ ގޯނާގެ މައްސަލަތައް ހިމެނެއެވެ. މި މައްސަލައިގައި ދެ ފަރާތުން މީޑިއާގައި ތަފާތު ވާހަކަތަކެއް ދައްކާފައިވާއިރު ދެމީހުން ވެސް ވަނީ އަނެކަކާ ދެކޮޅަށް ހެކިތައް އާންމުކޮށްފައެވެ.
މި ހަފުތާގައި މައްސަލައިގެ ކޯޓު އަޑުއެހުންތައް ފަށާފައިވަނީ ކެލިފޯނިއާގެ ކޯޓެއްގައެވެ. މައްސަލަ ފަށާފައި ވަނިކޮށް ބްލޭކް އާ ދެކޮޅަށް ވަނީ އިތުރުރ މައްސަލައެއް ހުށަހަޅާފައެވެ. އޭނާ އާ ދެކޮޅަށް ޓެކްސަސް ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ ޕީއާރު ފާމްއެއް ކަމަށްވާ ސްޓްރީޓް ރިލޭޝަންސްއިންނެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ ފާމްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށްވާ ޖެޑް ވޮލެސް އާ ގުޅޭގޮތުން ބްލޭކް ދެއްކި ވާހަކަތަކަކާ ގުޅުވައި، ވޮލެސްގެ އަގު ވައްޓާލަން އުޅޭ ކަމަށް ބުނެއެވެ.
އެ މައްސަލައިގައި ބުނަނީ ބްލޭކް ވަނީ އޭނާގެ ކޮޅަށް ހެކި ގިނަ ކުރަން ވެގެން ދޮގު މައުލޫމާތު އުފައްދާފައި ކަމަށެވެ. އަދި ބައެއް މައުލޫމާތުތަކުގައި ވޮލެސްގެ ނަން ވެސް ބޭނުންކޮށްފައިވާ ކަމަށް މައްސަލައިގައި ބުނެއެވެ. ވޮލެސް އަކީ ބްލޭކްގެ ފަރާތުން ހެކި ހުށަހެޅުމަށް ހުރި މީހެކެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރީން ބްލޭކް ވަނީ ވޮލެސް އޭނާގެ ހެކީންގެ ލިސްޓުން ނެގުމަށް އެދިފައެވެ.
މިގޮތަށް ބްލޭކް ނިންމާފައިވާއިރު ސްޓްރީޓް ރިލޭޝަންސްއިން ބްލޭކް އާ ދެކޮޅަށް ދައުވާކުރަނީ ފަސް މިލިއަން ޑޮލަރު ހޯދައި ދިނުމަށް އެދިއެވެ. މިކަމާ ގުޅޭގޮތުން ބްލޭކްގެ ޓީމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.