ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހުސައިން ޝަރީފް --

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފް ސަސްޕެންޑު ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "ސަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ހުސައިން ޝަރީފް ސަސްޕެންޑުކޮށްފައި ވަނީ އެ ކޮމިޝަނަށް އޭނާއާއި ގުޅޭ ގޮތުން ލިބިފައިވާ މައްސަލަތަކެއް ބެލުމަށްކަމަށެވެ. އަދި އޭނާ ސަސްޕެންޑުކޮށްފައި ވަނީ އިއްޔެއިން ފެށިގެން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމެއް ވިދާޅުވެފައެނުވެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސައިން ޝަރީފު ހަމަޖައްސައިފައި ވަނީ 2018ގެ މެއި މަހުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލުމާ ގުޅިގެން އެ ދެ މިނިސްޓްރީގެ ޕީއެސްގެ މަގާމު އުވައިލައި ފަތުރުވެރިކަމާއި ތިމާވެށީގެ މިނިސްޓްރީއަށް ޕީއެސްއެއް ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.

https://sun.mv/202171

މި ދެ ވުޒާރާ އެއްކޮށްލެއްވީ ފަތުރުވެރިކަމާ ބެހޭ ވަޒީރަކަށް ހުންނެވި އިބްރާހިމް ފައިސަލް ވަކިކުރެއްވުމަށްފަހު އެވެ. މިއީ ކޮން ސަބަބަކާ ހުރެ ނިންމި ނިންމުމެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް