ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާ ވެބް ސީރީޒް ގެނެސްދޭނީ ނެޓްފްލިކްސްއިންކަން އިއުލާނުކޮށްފިއެވެ.
މި ވެބް ސީރީޒް ނެޓްފްލިކްސްއިން ގެނެސްދޭނެކަން ނެޓްފްލިކްސްގެ ސޯޝަލް މީޑިއާތަކުގައި ބުނެފައިވާއިރު ޝާހު ވެސް ވަނީ ދަރިފުޅުގެ ފުރަތަމަ ވެބް ސީރީޒް ޕްރީމިއާކުރާނީ ނެޓްފްލިކްސްއިންކަން ކަށަވަރުކޮށްދީފައެވެ.
އާރްޔަން ލިޔެ ޑައިރެކްޓްކޮށްފައިވާ މި ސީރީޒަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު ފިލްމުފެއާއިން ކަށަވަރުކޮށްދީފައިވާ ގޮތުން މި ސީރީޒްގެ ލީޑް ތަރިންނަކީ ދަރުމާ ކުންފުނިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ލަކްޝްޔައެވެ.
ލަކްޝްޔައާ އެކު ބަތަލާގެ ރޯލުން ފެންނާނީ ސަހެރް ބާމްބާ ކަމަށް ވެސް ފިލްމުފެއާގައި ވަނީ ބުނެފައެވެ. ސަހެރް ފިލްމު އިންޑަސްޓްރީއަށް ތައާރަފްވެފައިވަނީ އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ބޮލީވުޑަށް ތައާރަފުވި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް"އިންނެވެ.
ޒުވާން ދެ ފިލްމީ ތަރިންނާ އެކު އާރްޔަން ގެނެސްދޭން މި ސީރީޒްގެ ނަމަކީ "ދަ ބޭޑްސް އޮފް ބޮލީވުޑް"އެވެ.
މި ސީރީޒްގެ ނަން އިއުލާނުކޮށް އިއްޔެ ނެޓްފްލިކްސްގައި ނެރުނު ޕްރޮމޯޝަނަލް ވީޑިއޯގައި އާރްޔަނާ އެކު ބައްޕަ ޝާހްރުކް ޚާން ވެސް ވަނީ ފެނިފައެވެ. މި ސީރީޒްގެ ލީޑް ތަރިންނަށް މުޅިން އާ މޫނުތަކެއް ގެނައުމަށް ނިންމި ނިންމުމަކީ އާރްޔަންގެ ނިންމުމެކެވެ.
ފިލްމުފެއާގައި ބުނެފައިވާ ގޮތުގައި "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ އެއްވެސް ޕްރޮމޯޝަނަލް ހަރަކާތެއްގައި އާރްޔަން ބައިވެރިއެއް ނުވާނެއެވެ. މި ސީރީޒާ ގުޅޭގޮތުން ބާއްވާ އެއްވެސް މީޑިއާ ހަރަކާތެއްގައި އާރްޔަން ބައިވެރި ނުވާނެ ކަމަށާއި އެއްވެސް އިންޓަވިއުއެއް ވެސް ނުދޭނެކަން ނެޓްފިލްކްސްއަށް އަންގާފައިވާނެ ކަމަށް ވެސް ފިލްމުފެއަ ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރު މަސައްކަތް ނިންމާފައި އޮތް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ސަލްމާން ޚާން، ބޮބީ ޑިއޯލް، ރަންބީރު ކަޕޫރު، ރަންވީރު ސިންގް، އަދި މޯނާ ސިންގް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނެޓްފްލިކްސްއިން މި އަހަރު ތެރޭ ރިލީޒްކުރަން ނިންމާފައިވާ ކޮންޓެންޓްތައް އިއުލާނުކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވަމުން ޝާހު ބުނެފައިވަނީ، ބެލުންތެރިންގެ ފަރާތުން އެކްޓަރަށް ލިބެމުން އަންނަ ތަރުހީބާއި ލޯބީގެ 50 އިންސައްތަ އާރްޔަނަށާއި އަންހެން ދަރިފުޅު ސުހާނާއަށް ދިނުމަށް އެދޭ ކަމަށެވެ.