ހިންދީ ސިނަމާގެ 1970އިން ފެށިގެން 1980އިގެ އަހަރުތަކާ ހަމައަށް އެންމެ ބޮޑު އަގުގައި ފިލްމު ކުޅެދިން ބަތަލާ ޕަރުވީން ބާބީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީސްގައި ޕަރުވީންގެ ރޯލްއިން ފެންނާނީ ބަތަލާ ތުރިޕްތީ ދިމްރީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީގެކުރިން ރިޕޯޓުތަކުން ބުނެފައި ވަނީ ޕަރުވީންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދަނީ ފިލްމެއް ކަމަށެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ބުނެފައި ވަނީ ބަތަލާ ތުރިޕްތީ ދިމްރީ ޕަރުވީންގެ ރޯލްއިން ފެންނާނެ މި ބައޮޕިކް ގެނެސްދޭނީ ނެޓްފްލިކްސްއިން ސީރީސްއެއް ގޮތަށް ކަމަށެވެ.
މިދިޔަ އަހަރު ތިން ފިލްމަކުން ފެނިފައިވާ ބަތަލާ ތުރިޕްތީ އަކީ ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެކްޓަރުންގެ ތެރޭ ހިމެނޭ ބަތަލާއެކެވެ. ފިލްމު "އެނިމަލް"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ އެންމެ އަވަހަށް ފެންނާނެ ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން އުފައްދާ ފިލްމު "ދަޅަކު 2"އިންނެވެ.
މި ބައޮޕިކްގެ ޑައިރެކްޓަރު ޝޮނާލީ ބޯސް ވަނީ ތުރިޕްތީގެ ރޯލާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސް ބަތަލާ މި ސީރީސްއަށް ދޭން ނިންމި ތާރީޚުތައް ވެސް ފައިނަލްކޮށްފައި ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ. ވަރަށް އަވަހަށް މި ސީރީސްގެ ޝޫޓިންގް ފެށޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ޕަރުވީނުގެ ހަޔާތުގެ މައްޗަށް އުފައްދާ މި ބައޮޕިކްއާ ގުޅޭގޮތުން އެކިގޮތްގޮތަށް ވަނީ ވާހަކަ ދެކެވިފައެވެ.
ޕަރުވީންގެ ބައޮޕިކް ސީރީސް އުފައްދަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ކަރިޝްމާ އުޕަދޭ 2020ވަނަ އަހަރު ލިޔުނު ބައޮގްރަފީ "ޕަރުވީން ބާބީ: އަ ލައިފް"ގެ މައްޗަށް ބިނާކޮށެވެ.
ހިންދީ ސިނަމާގެ އެންމެ ވިދާލި ބަތަލާއިންގެތެރޭ ހިމެނޭ ޕަރުވީން ބާބީ އަކީ ކުޑަ ދުވަސްކޮޅެއްގެތެރޭ ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބި ކެރިއަރުގެ އެންމެ އުހަށް ދަތުރުކުރި ބަތަލާއެކެވެ. ނަމަވެސް ބަތަލާގެ ކެރިއަރު ނިމުނީ ގިނަ ބަޔަކަށް ސިހުން ލިބޭނެ ފަދަ ގޮތަކަށެވެ.
ޕްރޮޑިއުސަރު މަހޭޝް ބަޓްއާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނާ ބަތަލާ މަރުވެފައި ވަނީ 2005ވަނަ އަހަރުއެވެ. ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށްފަހު ޕަރުވީން މަރުވެފައި ވަނީ ނަފުސާނީ ބަލީގެ ޝިކާރައަކަށް ވެސް ވެފައި ވަނިކޮށް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.