އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަންގެ ދަރިފުޅު އަރާދިޔާ ބައްޗަން އިންޑިއާގެ މީޑިއާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފިއެވެ.
އިންޑިއާގެ ނިއު ދިއްލީގެ ހައިކޯޓަށް އަރާދިޔާ ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ނޯޓިސް ފޮނުވާފައި ވަނީ ގޫގަލް އަށާއި، ބޮލީވުޑް ޓައިމްގެ އިތުރުން އޮންލައިންކޮށް ޚަބަރު ފަތުރާ ބައެއް މީޑިއާތަކަށެވެ. މި ނޯޓިސްގައި އެދިފައި ވަނީ އަރާދިޔާ ބައްޗަންއާ ބެހޭގޮތުން އެ މީޑިއާތަކުން ޝާއިއުކޮށް، ފަތުރާފައިވާ ހަގީގަތާ ޚިލާފު ވާހަކަ ހިމެނޭ ރިޕޯޓުތަކުގެ ތަފުސީލު ކޯޓަށް ދިނުމަށެވެ.
މި މައްސަލައިގެ އަޑު އެހުންތައް މެދުކަނޑާލާފައިވާއިރު ދެން އެންމެ އަވަހަށް މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ކުރިއަށް އޮތް މާޗް މަހުގެ 17ވަނަ ދުވަހަށެވެ.
ބައްޗަން އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅި މި ޤާނޫނީ މައްސަލައިގެ ސަބަބުން އެ އާއިލާއިން އަރާދިޔާއަށް ލިބިފައިވާ މިނިވަންކަން ހިމާޔަތްކޮށް އަބުރު ގެއްލޭފަދަ ގޮތަކަށް މީޑިއާތަކުން ފަތުރަމުން އަންނަ މައްސަލަތަކާ މެދު ކަންބޮޑުވާ މިންވަރު ހާމަވެގެންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމައެއާއެކު މިފަދަ ރިޕޯޓުތައް ހުއްޓުވުމަށް އެ އާއިލާއިން ކުރަމުން އަންނަ މަސައްކަތް އެނގިގެންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބައްޗަން އާއިލާއިން އިސްނަގައިގެން ގާނޫނީ ގޮތުން ހުށަހެޅި މި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުގެ އަމާޒަކަށް ވެފައިވާ މިފަދަ ކުދިންނަށް ކުރިއަށް އޮތްތަނުގައި ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެ އާއިލާއާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާއަށް ނިސްބަތްވާ އަރާދިޔާއާ ބެހޭގޮތުން މީގެކުރިން ވެސް ޔޫޓިއުބް ޗެނަލްތަކުން ވަނީ ހަގީގަތާ ޚިލާފު ޚަބަރުތަކެއް ފަތުރާފައެވެ. އޭގެ ސަބަބުން އަރާދިޔާއަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ގެއްލުންތަކަކާ ކުރިމަތިވިއިރު އެ ވީޑިއޯތައް ޕަބްލިޝްކުރި ޔުޓީއުބަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. ކޯޓުން އެކަމަށް ނުފޫޒު ފޯރުވައި އަރާދިޔާއާ ގުޅޭގޮތުން ނެރުނު 20އަށް ވުރެ ގިނަ ވީޑިއޯ ވަނީ ނައްތާލާފައެވެ.
އަރާދިޔާ ނޫނަސް ސެލެބްރީޓީންގެ ދަރިންނަށް ދޭންޖެހޭ އިހުތިރާމް ވަކި ދަރަޖައެއް ބެލުމެއް ނެތި މީޑިއާއިންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން ދޭންޖެހޭނެ ކަމަށް ބުނެ އޭރު ކޯޓުން ވަނީ އެފަދަ ފަރާތްތަކަށް އިންޒާރު ވެސް ދީފައެވެ. އުމުރުން 16 އަހަރުގެ އަރާދިޔާ ބައްޗަން އަކީ ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ އައިޝްވާރިޔާ އާއި އަބީޝެކްގެ ހުރި ހަމައެކަނި ދަރިފުޅެވެ.