ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގޭގެ ތެރެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއަށް ދީފިއެވެ.
ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނު ވާހަކަ ފެންމަތިވީ ޖަނަވަރީ ފަސްވަނަ ދުވަހެވެ.
ފުލުހުން މިއަދު މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާގެ ވެރިފަރާތަށް ފައިސާތައް އަނބުރާ ދީފައިވާ ކަމަށެވެ.
އެ ކަމާ ގުޅިގެން ރިލެކްސް ފެރީ ސާވިސްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، 2022 ވަނަ އަހަރު ފަޒުލް ކުންފުންޏާ މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ. އެ ފަހަރު ބަނދެފައިވާ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން އެހެން ލޯންޗެއް ބަންނަން މިދިޔަ މަހު ކުރީކޮޅު ފަޒުލަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ހަވާލުކުރި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން މައްސަލައިގައި ގޯތި ލިބުން މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތެވެ. ނަމަވެސް، އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެ ކަމަށެވެ. ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ބޮޑު ތުހުމަތެއް ކުރެވެނީ ފަޒުލްއަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފަޒުލް ކުރިން ވިދާޅުވީ، އެ ކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ.
މި މައްސަލައިގައި ފަޒުލް ސަސްޕެންޑުކުރި ފަހުން އޭނާ ވަނީ ތަހުގީގަށް ފުރުސަތު ދެއްވަން ކަމަށް ވިދާޅުވެ، އަމިއްލައަށް މަގާމުން އިސްތިއުފާދެއްވައިފައެވެ.