މަޝްހޫރު ތަރި ބްލޭކް ލައިވްލީ އާއި "އިޓް އެންޑްސް ވިތު އަސް"އިން އޭނާގެ ކޯސްޓާ ޖަސްޓިން ބަލްޑޯނީގެ ދެމެދުގައި އޮތް މައްސަލަ މީޑިއާގެ ތެރެއަށް ގެންގޮސް އެކަމުގެ ވާހަކަތައް އާންމު ކުރުން ހުއްޓާލުމަށް ފަނޑިޔާރު އަންގައިފިއެވެ.
މިދިޔަ އަހަރުގެ އެންމެ ކޮންޓްރޮވާޝަލް އެއް ފިލްމަކީ ކޮލީން ހޫވާގެ ވާހަކައަށް ބިނާކޮށް ނެރުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"އެވެ. ފިލްމުގެ ކެމެރާ ފަހަތުން ވެސް އެތައް ކަންތަކެއްވަމުން ދިޔައިރު އެކި ވާހަކަތައް ވަނީ ދެކެވިފައެވެ. އެންމެ ފަހުން ފިލްމުގެ ލީޑް އެކްޓަރު، ބްލޭކް ލައިވްލީ ފިލްމުގެ ދެވަނަ ލީޑް އަދި ޑައިރެކްޓަރު ޖަސްޓިން ބަލްޑޯނީ އާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.
ބްލޭކް ހުށަހެޅި މައްސަލައިގައި ތަފާތު އެކި ވާހަކަތައް ހިމަނާފައި ހުއްޓެވެ. ކެލިފޯނިއާގެ ސިވިލް ރައިޓްސް ޑިޕާޓްމެންޓަށް ހުށަހެޅި މައްސަލައިގައި ބަލްޑޯނީ، ބްލޭކާ ގުޅޭގޮތުން ދައްކާފައިވާ ހުރި ތަފާތު ވާހަކަތަކަށް އިޝާރާތް ކުރެއެވެ. އޭގެ ތެރޭގައި އެކި ގޮތްގޮތަށް ބްލޭކްގެ ގައިގައި އަތްލަން އުޅުމާއި ޖިންސީ އެކި ކަހަލަ ވާހަކަތައް ހުއްދައެއް ނެތި ދައްކަން އުޅެފައިވާ ކަމަށް ބުނެއެވެ.
މި ވާހަކަތައް ދޮގުކޮށް، ބްލޭކާ ދެކޮޅަށް ބަލްޑޯނީ ވެސް ވަނީ އެކި ވާހަކަތައް ދައްކާފައެވެ. މި ވާހަކަތަކުގައި އާންމު ގޮތެއްގައި ބުނެފައިވަނީ ބްލޭކް މައްސަލަ ހުށަހަޅައި ވާހަކަތައް ފަތުރަމުން ދަނީ ސަމާލުކަން ހޯދަން ކަމަށެވެ.
ދެމީހުންގެ ތަފާތު ވާހަކަތަކާއި ޓެކްސްޓުތަކުގެ އިތުރުން އޯޑިއޯތައް ދެކޮޅުން ވެސް އަންނަނީ މީޑިއާގައި ހިއްސާކުރަމުންނެވެ. އެކަމާ ގުޅިގެން މި މައްސަލަ ވެފައިވަނީ ގިނަ ބައެއް އެއަށް ބަލަމުން އަންނަ މައްސަލައަކަށެވެ.
މިކަމަކާ ގުޅިގެން ކެލިފޯނިއާގެ ސިވިލް ކޯޓުން މައްސަލަ ބަލަމުން އަންނަ ފަނޑިޔާރަކު ވަނީ ރައްދެއް ދީފައެވެ. މައްސަލައިގެ އަޑުއެހުންތައް އިއްޔެ ފަށާފައިވާއިރު އިއްޔެ ބައްދަލުކޮށްފައިވަނީ ދެކޮޅުގެ ވަކީލުން އެކަންޏެވެ. އަޑުއެހުމަށްފަހު ފަނޑިޔާރު އަންގާފައިވަނީ މައްސަލަ މީޑިއާއިން ބޭރު ކުރާށެވެ. އަދި ދެ މީހުން ވެސް މީޑިއާގައި މައްސަލައިގެ ވާހަކަތަކާއި ހެކިތައް ހިއްސާކުރުން ހުއްޓާލަން ޖެހޭ ކަމަށް ކޯޓުން އަންގާފައިވެއެވެ.