ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ގޯ" ބިރުވެރި ފިލްމު ފްރެންޗައިޒް "ފައިނަލް ޑެސްޓިނޭޝަން"ގެ އާ ބައެއް ރިލީޒްކުރަން ރެޑީވެ، ފުރަތަމަ ޓްރެއިލަރު އާންމުކޮށްފިއެވެ.
ފާޑުފާޑުގެ ބިރުވެރި ގޮތްގޮތަށް ކެރެކްޓަރުން މަރުވާ ފައިނަލް ޑެސްޓިނޭޝަންގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2011 ވަނަ އަހަރެވެ. ޖެހިޖެހިގެން ގާތްގާތުގައި ފައިނަލް ޑެސްޓިނޭޝަންގެ ފަސް ބައި ނެރެ، ބޮޑު ބްރޭކަކަށް ފަހު ދެން ނެރުމަށް ހަމަޖެހިފައިވަނީ ފައިނަލް ޑެސްޓިނޭޝަން ހައެކެވެ.
ދިގު ބްރޭކަކަށް ފަހު ފިލްމު ފްރެންޗައިޒްގެ އާ ބައެއް ނެރުމަށް ހަމަޖެހިފައިވާތީ ކުރީގެ ފޭނުން ތިބީ ކެތްމަދުވެފައެވެ. މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ފައިނަލް ޑެސްޓިނޭޝަންގެ އާ ފިލްމަށް ކިޔާނީ "ބްލަޑްލައިން"އެވެ. މި ފިލްމުގެ ޓީޒާ ޓްރެއިލަރެއް ވަނީ ދާދި ފަހުން އާންމުކޮށްފައެވެ.
ޓީޒަރުން ވެސް އެތައް ބައެއްގެ ކުރީގެ ބިރު އާ ކޮށްލާފައިވާ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި، މި ފްރެންޗައިޒް އެންމެ ފުރަތަމަ ބިރުވެރިވި ސަބަބު ވެސް މިހާރު އަނެއްކާ ފެންނަން ހުރި ކަމަށް އެތައް ބަޔަކު ހާމަކޮށްފައިވެއެވެ.
ބްލަޑްލައިންގެ ކާސްޓަކީ ބްރެކް ބާސިންގާއާއި ޓޯނީ ޓޮޑާއި ރިޗާޑް ހާމަނާއި ކުއިންޓެސާ ސްވިންޑެލްއެވެ. އޮރިޖިލް ފިލްމުތަކުގެ އެއްވެސް ކާސްޓެއް މި ފިލްމުން ފެނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.
މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ޒެކް ލިޕޮވްސްކީއާއި އެޑަމް ބީ ސްޓައިންއެވެ. އެކީގައި ފިލްމު އުފެއްދުމަށް މަގުބޫލު ދެ މީހުންނަކީ ފިލްމު ޑައިރެކްޝަނަށް ވަތްތާ މާ ގިނަ ދުވަސްތަކެއްވެފައިވާ ބައެއް ނޫނެވެ.
ދެ މީހުން އެންމެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 2016 ވަނަ އަހަރެވެ. "ފްރީކްސް" ނަމުގައި ނެރުނު ފިލްމަކީ ސައިފައި ތުރިލާ ފިލްމެކެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވާއިރު ފިލްމު ޕްރިމިއާ ކުރާނީ މެއި މަހުގެ 16 ގައެވެ.