ފުލެޓުތަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައިގައި އޭސީސީން ޕޮލްކޯއަށް ވަދެއްޖެ

ފުލުހުންގެ ފުލެޓުތައް: އެ ތަނަށް އިތުރަށް 354 މިލިއަން ރުފިޔާ ޚަރަދުވި -- ފޮޓޯ/ މިހާރު ނޫސް، ފަޔާޒް މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް މިއަދު ވަދެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޕޮލްކޯ ފުލެޓުތަކާ ގުޅޭ ތަހުގީގަށް އޭސީސިން ޕޮލްކޯއަށް ވަދެ ހަރަކާތްތެރިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން 2013 ވަނަ އަހަރު ޕޮލްކޯއާ ހާވަލުކުރުމުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކައިފައެވެ.

މި ކަމުގައި ޕޮލްކޯގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

https://sun.mv/201892

އެ މަޝްރޫއު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، އަކަފޫޓަކަށް 1،851 ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، މާލީ ވުޒާރާގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކަށް ބަލާއިރު އާންމު ގޮތެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުނިތަކުން އަކަފޫޓަކަށް 1،300 ރުފިޔާއާއި 1،500 ރުފިޔާއާ ދެމެދުގެ އަގެއްގައި އެ ފަދަ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްދޭ ކަމަށެވެ.

އެހެން ނަމަވެސް އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވާކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނީ އެއީ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށެވެ.

މި މައްސަލައިގައި ޕޮލްކޯގެ ވެރިންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓު އޮފީހުން އަންފާވައިވެއެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތިން ޓަވަރު އެޅީ ޖުމްލަ 361 ފްލެޓާއި 20 ޕެންޓްހައުސްއާ ވެސް އެކީގައެވެ. ދެހާސް ތޭރައިގައި އަމަލީ މަސައްކަތް ފެށި އެ ފްލެޓުތައް ނިމި، މީހުންނަށް ދިރިއުޅެވޭ ވަރުވީ މިދިޔަ އަހަރު ތެރޭގައެވެ.

comment ކޮމެންޓް