ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން އަރަބި ގައުމުތަކުން ބޭއްވި ބައްދަލުވުމަށް ރާއްޖޭގެ މަރުހަބާ

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން އަރަބި 6 ގައުމުން ބޭއްވި ބައްދަލުވުން --

ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން މިސްރުގެ ވެރިރަށް ގާހިރާގައި، އަރަބި ހަ ގައުމުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ނަތީޖާތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި މިސްރާއި، ސައުދީ އަރަބިއްޔާއާއި، ގަތަރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ޖޯޑަން އަދި ފަލަސްތީނުގެ ފޮރިން މިނިސްޓަރުގެ އިތުރުން، އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލް ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖޭން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ވަނީ ގޮވާލައިފައެވެ.

ހަނގުރާމައިގެ އަސަރުކޮށްފައިވާ ޣައްޒާގެ ހުރިހާ ސަރަޙައްދުތަކަށް އިންސާނީ އެހީ ލަސްނުކޮށް ފޯރުކޮށްދިނުމުގެ މުހިންމުކަން ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ހިޔާވަހިކަމާއި އާރާސްތުވުމަށް ބޭނުންވާ ތަކެތި ދަތިކަމެއްނެތި އެ ރައްޔިތުންނަށް ލިބުމަށް މަގުފަހިކުރުމަށް ޓަކައި ވަގުތުން ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށްވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ، ޣައްޒާ އަލުން ބިނާކުރުމަށް ބައިނަލްއަގުވާމީ ކޮންފަރެންސެއް ބޭއްވުމުގެ އިސްނެގުމަށް ވެސް މަރުޙަބާ ކިޔައިފައެވެ. އަދި 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމަކީ މިނިވަން އަދި ސިޔާދަތީ ފަލަސްތީނު ދައުލަތެއްގެ ވެރިރަށް ކަމުގައި ބަލައިގެން ޓޫ ސްޓޭޓް ސޮލިއުޝަން ތަންފީޒުކުރުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައި ވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 48،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް