ދިވެހިރާއްޖޭގެ ހެޕިނެސް އިންޑެކްސް ތަންފީޒު ކުރާނީ ކައުންސިލްތަކާ ގުޅިގެން ކަމަށް ވިދާޅުވެ، އެ ކަމުގައި ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑެއް ދިނުމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެދިވަޑައިގެންފިއެވެ.
ހެޕިނެސް އިންޑެކްސްއަކީ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮންނަ މިންވަރު ދެނެގަތުމަން އެކި މިންކުރުންތަކުން ވަޒަންކޮށް އެކުލަވައިލާ މިންގަނޑެކެވެ.
ރާއްޖޭގެ ހެޕިނެސް އިންޑެކްސްގެ މަސައްކަތާ ގުޅޭގޮތުން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން އުފާވެރިކަމަށް އަސަރު ކުރުވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
"އުފާވެރި ދިރިއުޅުމަކަށް ކުރި އުންމީދުތައް ވަޔަށް ބުރައިގެންދަނީ ގެދޮރުގެ ދަތިކަމާއި ދިރިއުޅުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، އިތުރު އާމްދަނީ ހޯދަން ކުރަންޖެހޭ މަސައްކަތް ގިނަވެ، އާއިލާއަށް ދެވޭ ވަގުތު މީޒާނުން ނެއްޓި ބެލެންސް ނުކުރެވިގެން. މިހުރީ ދިވެހިރާއްޖޭގެ ހެޕިނެސް އިންޑެކްް އެކުލަވާލުމުގައި ވިސްނަންޖެހޭ ކަންތައްތައް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހެޕިނެސް އިންޑެކްސްއެއް އެކުލަވައިލަންޖެހޭނީ ކޮންމެ ރަށެއްގެ ކަންކަން ވެސް ބެލޭނެ އޮނިގަނޑެއްގެ ތެރެއިންނެވެ.
ހެޕިނެސް އިންޑެކްސް ތަންފީޒު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ އުންސިލްތަކާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކަމަށް މީހުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ވެސް ވަރަށް އަަވަހަށް ކުރިއަށްގެންދަން ފަށާނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑު ދިނުމަކީ ވެސް މުހިންމު ކަމެކެވެ.
"ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑު ދެވޭނެ ގޮތެއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމު ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކައިގައިވަނީ މި އިންޑެކްސް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވައިފައެވެ.
ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީއާއި، އެކި ޕާޓްނަރުން ގުޅިގެންނެވެ. މި ކަމުގެ ފަންނީ މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް)އިންނެވެ. މި މަސައްކަތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ސަން އޮންލައިން"އެވެ.
ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކޮންމެ އަހަރަކު ވެސް ކުރަމުން އަންނަ ކަމެކެވެ.