ފައިސަލް ރަށަށް ބަދަލުވަނީ، ވިދާޅުވީ ކެތްތެރިވާނެ ކަމަށް

މި ސަރުކާރުގެ އެންމެ ފުރަތަމަ ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް: މިހާރު ފައިސަލްވަނީ މަގާމުން ވަކިކުރައްވައިފައި -- ފޮޓޯ/ މަޖިލިސް

ކުއްލިއަކަށް މަގާމުން ވަކިކުރުމާ އެކު މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ ރަށަށް ދިރިއުޅުން ބަދަލުކުރުން ކަމަށްވާތީ އެ ކަން ކުރައްވަން ނިންމަަވާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ކުރީގެ ވަޒީރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ވަކިކުރީ މީގެ ފަސް ދުވަސް ކުރިން މިދިޔަ މަހު 28ގައެވެ.

ފައިސަލް އެ ދުވަހު ވިދާޅުވި ގޮތުގައި، އޭނާ ވަކިކުރައްވަން ނިންމެވި ނިންމެވުމަކީ އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް ނިންމެވި ކަމެކެވެ. އޭނާ ވަކިކުރިކަން އެނގުނީ ވެސް އެ ދުވަހު ހެނދުނު އޮފީހަށް ވަޑައިގަތުމުން ކަމަށް އެ ދުވަހު ފައިސަލް ވިދާޅުވިއެވެ.

https://sun.mv/201913

އެއާއެކު ކުރިއަށް ހުރި ދުވަސްތަކުގައި ދިރިއުޅުން ބައްޓަންކުރައްވާނެ ގޮތާމެދު "ސަން"އާ މިއަދު ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މިހާރު ނިންމާފައިވަނީ މި މަހު، އުފަން ރަށް ލ. ފޮނަދޫއަށް ދިރިއުޅުން ބަދަލުކުރައްވަން ކަމަށެވެ.

ފައިސަލް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުމުގައި އޭނާއާއި، އޭނާގެ ބައްޕާފުޅު އަބްދުއްރަހީމްގެ 'ކޮންމެ ވެސް ވަރެއްގެ' ހިއްސާއެއް އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ކުއްލިއަކަށް އެއްވެސް ސަބަބެއް ނުބުނެ ވަކިކުރީމާ، އަޅުގަނޑު ބައްޕަ މެލޭޝިއާގައި ހުރެ ހަމަ އެރެއިން އެރެއަށް ރާއްޖެ އައިސް ވަރަށް ފުޅާކޮށް މި ކަމުގައި މަޝްވަރާކޮށްފައި [ނިންމީ] މި ވަގުތަށް އަޅުގަނޑަށް އެންމެ ރަނގަޅުގޮތަކީ ރަށަށް ބަދަލުވުންކަމަށް،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ފަސް މަހުގެ ދަރިއަކު ހުރުމާ އެކު، ކުއްލިއަަކަށް ދިމާވި ހާލަތާ އެކު މާލޭގައި ދިރިއުޅުމުގެ ޚަރަދުބަރަދު ބެލެހެއްޓުމަކީ ވެސް ދަތިކަމަކަށް ވާނެ ކަމަށެވެ. އެހެންވެ، އެއީ ވެސް ރަށަށް ބަދަލުވާން ނިންމެވި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ސަރުކާރާއެކު ތިބުން މުހިންމު ކަމަށާއި އެހެންވެ ބައްޕާފުޅު އަބްދުއްރަހީމް ހުންނެވީ ސަރުކާރާއި، ރައީސާ އެކީގައި ކަމަށެވެ. އަދި، ބައްޕާފުޅު ދެއްވި ނަސޭހަތަކީ ވެސް ސިޔާސީ ކަންކަމާ ކެރިގެން ކުރިމަތިލުން ކަމަށް ވިދާޅުވިއެވެ.

https://sun.mv/201924

އޭނާއަކީ ޕީޕީއެމް އުވައިލުމާ ހަމައަށް ވެސް ޕީޕީއެމްގެ ސެނެޓް މެންބަރެއް ކަމުން، ޕާޓީ އުވައިލި ފަހުން ފައިސަލް ހުންނެވީ އެއްވެސް ޕާޓީއެއްގެ ދަފުތަރުގައެއް ނޫނެވެ. އެހެންކަމުން އަދި ސިޔާސީ ގޮތުން ކުރިއަށްދާނެ ގޮތެއް ނުނިންމެވި ނަމަވެސް މުސްތަގުބަލުގައި އެ ކަމުން ވެސް އިތުރަށް ގަދަކޮށް ފެންނާނެކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކުއްލި ގޮތަކަށް ފައިސަލް ވަކިކުރުމާ އެކު، އަބްދުއްރަހީމް ވެސް ވަނީ ފައިސަލްގެ ދިފާއުގައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، ފައިސަލް މަސައްކަތްކުރެއްވީ އިޚުލާސްތެރިކަމާ އެކު ކަމަށާއި، ނަތީޖާ ވެސް ނެރެދެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ކަން މިހެން ދިމާވެފައި އޮތް މި ވަގުތު، ރައީސް ޑރ. މުއިއްޒާ އެންމެ އަރިސްކޮށް މިވީހާ ދުވަހު އުޅުއްވި އަބްދުއްރަހީމާއި އެ މަނިކުފާނާ ދެމެދު ނުތަނަވަސްކަމެއް އޮތްކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ.

comment ކޮމެންޓް