ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ސާޖަރީތައް ހުއްޓައިލައިފާވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށާއި، ސާޖަރީތައް ޝެޑިއުލާ އެއްގޮތަށް ކުރަމުން އަންނަކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެ ހޮސްޕިޓަލުގައި އޮޕަރޭޝަންތަކަށް ބޭނުންކުރާ މުހިންމު ކޮންސިއުމަބަލްތަކުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ބުނެ ވާހަކަތައް ދައުރުކުރަމުންނެވެ.
އަދި އެހެންވެ، ކޮންމެހެން ކުއްލި ހާލަތުގައި ކުރަން ޖެހޭ އޮޕަރޭޝަންތައް ނޫން އެހެން އޮޕަރޭޝަންތައް ކުރުން ހުއްޓައިފައިވާ ކަމަށް ބުނެ ވެސް ވާހަކަތައް ދައުރުކުރަމުންނެވެ.
އެކަމާ ގުޅިގެން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް "ސަން"އަސް ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް ސާޖަރީއެއް ހުއްޓައިލައިފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮޕަރޭޝަންތަކަށް ބޭނުންވާ ކޮންސިއުމަބަލް ވެސް ސްޓޮކުގައި އެބަހުރި ކަމަށެވެ.
އެއާއެކު މި ކަމާ ގުޅިގެން އެ ހޮސްޕިޓަލުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ އާއްމުންނަށް އޮޅުންއަރާ ގޮތަށް، ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާތީ އެ ކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.