މާލޭ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުން، އެ މީހުންގެ މައުލޫމާތު އަންނަ މަހުގެ 15ގެ ކުރިން ހޯމް މިނިިސްޓްރީއާ ހިއްސާކުރުމަށް އެ މިނިސްޓްރީން މިއަދު އަންގައިފިއެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް ބިދޭސީން އުޅުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި މި ސަރުކާރުން އަންނަނީ، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް 'އޮޕަރޭޝަން ކުރަނގި'ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވަނީ އެ އޮޕަރޭޝަންގެ ދަށުން، މާލެ ސަރަހައްދުގައި ވަޒިފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ހިމެނޭ ގޮތަށް ބައޯމެޓްރިކްސް ހިއްސާކުރުމުގެ މަސައްކަތް، ވަޒީފާދޭ ފަރާތްތަކުން ހޯމް މިނިސްޓްރީގެ ފޮރިން ލޭބާ ޑިޕާޓެމެންޓާ ގުޅިގެން ކުރިއަށް ގެންދިޔުމަށް އެދިފައެވެ.
އެ މަސައްކަތް ކުރުމަށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުހުލަތު ދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި މައުލޫމާތު އަދާހަމަ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑުކޮށް އެ މީހުންނަށްދޭ ޚިދުމަތްތައް މެދުކަނޑާލާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ހިމެނެނީ މާލެއާއި ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅެވެ.
އެ މިނިސްޓްރީން ބުނީ މާލޭ ސަރަަހައްދުގެ ބިދޭސީންގެ މައުލޫމާތު ނެގުމާއި އޮޕަރޭޝަން ކުރަނގީގެ ދަށުން ސަރުކާރުން ތަަންފީޒު ކުުރުމަށް އެކަށައަޅާފައިވާ ހުރިހާ ކަންކަން ވިލަރެސްކުރަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި، އެ އޮޕަރޭޝަނަށް ޚާއްސަކޮށް ގާއިމުކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުގައި ކަމަށެވެ.
އެ ސެންޓަރުން ޚިދުމަތް ދެމުންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން 22:00އަށެވެ.
އޮޕަރޭޝަން ކުރަނގިއާ ގުޅޭ އިތުރު މައުލޫމާތު 7690228އަށް ގުޅުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އޮޕަރޭޝަން ކުރަނގި ފަށައިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހެވެ. އެ ހަރަކާތުގެ ތެރެއިން، ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށްތޯ ޔަގީން ކުރެއެވެ.
މިދިޔަ މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، އެ ހަރަކާތުގެ ދަށުން 25،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.
ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ގައުމުގެ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 132,371 ބިދޭސީން ހިމެނެއެވެ.