ދުނިޔޭގެ ރެކޯޑް ޤާއިމްކުރުމަށް ކުރާ އެންމެ ދިގު "ސިންގަލް އޯޕަން ވޯޓާ ޑައިވް" ހަރަކާތް އަންނަ ބުދަ ދުވަހު މާލޭގައި ފެށުމަށް ނިންމައިފިއެވެ.
އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ "ސިންގަލް އޯޕަން ވޯޓާ ޑައިވް" ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފުތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ވަނީ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާގައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އާ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފާތަން ފެންނަމުން އަންނަ ކަމަށެވެ. އަދި އެއީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށާއި އެ ފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ރެކޯޑް ގާއިމްކުރަން ބާއްވާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތުގެ ދެ ފިޔަވަހި ވެސް ކާމިޔާބުކަމާ އެކު ނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތްކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، އެ ހަރަކާތް ނިމޭއިރު ފަތުރުވެރިކަމުގެ ގޮތުން ރާއްޖެއަށް ތައާރަފުނުވާ އެތައް ބަޔަކަށް ރާއްޖެ މާކެޓްވާނެ ކަމަށެވެ.
އެކްރޮސް މޯލްޑިވްސްގެ ފުރަތަމަ ފިޔަވަހީގައި މާލެއިން ހުޅުމާލެއަށް 70 ކިލޯ މީޓަރަށް ޑައިވްކުރާނެއެވެ.
އަދި ދެވަނަ ފިޔަވަހި އަންނަ އަހަރު ކުރިއަށްގެންދާއިރު މުޅި ރާއްޖެ ކަވަރުވާ ގޮތަށް ހއ. ތުރާކުރުން ފެށިގެން އައްޑޫ ސިޓީއަށް ޖުމްލަ 4،600 ކިލޯ މީޓަރު ޑައިވްކުރަން ވަނީ ހަމަޖެހިފައެވެ.
އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށް ވާނެކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.