ޔުއޭފާ ޔޫރޮޕާ ލީގުގެ ލީގު ފޭސްގައި ބްރާގާ އަތުން ލާޒިއޯ ބަލިވި ނަމަވެސް އެ ޓީމަށް އެއްވަނަ ލިބިއްޖެއެވެ.
ބްރާގާގެ ދަނޑުގައި ކުޅުނު ލީގު ފޭސްގެ ފަހު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗުގެ ހަވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ބްރާގާއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ހޯޓާއެވެ. މެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލާޒިއޯއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މި ކާމިޔާބީއާ އެކު ވެސް ބްރާގާއަށް ލީގު ފޭސް ނިންމާލަން ޖެހުނީ ޕްލޭ އޮފްގެ ޖާގައެއް ނުލިބި މުބާރާތަށް އަލްވަދާއު ކިޔައިގެންނެވެ. ބްރާގާއަށް ލިބިފައިވަނީ އަށް މެޗުން 10 ޕޮއިންޓެވެ. ފައިދާ ގޯލެއް ވެސް ނެތުމުން ލިބުނީ 25 ވަނައެވެ.
ބްރާގާއާ ހިލާފަށް މެޗުން ބަލިވުމާ އެކު ވެސް ލާޒިއޯއަށް ވަނީ އެއްވަނަ ލިބިފައެވެ. އެއީ، 19 ޕޮއިންޓާ އެކެވެ. މި އަދަދަށް ދެވަނައަށް ދިޔަ އެތުލެޓިކް ބިލްބާއޯއަށް ލިބުނު ނަމަވެސް ލާޒިއޯއަށް ކުރި ލިބުނީ ފައިދާ ގޯލަށް ބަލާއިރެވެ.
މުބާރާތުގައި ބިލްބާއޯ ކުޅުނު ފަހު މެޗުގައި ވިކްޓޯރިއާ ޕްލެޒެންއާ ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްފައިވަނީ ބިލްބާއޯއެވެ. މެޗުގައި ބިލްބާއޯގެ ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނީކޯ ވިލިއަމްސް، ހަރޭ އަލްވަރޭޒް އަދި ހާވިއޭ މާޓޮންއެވެ. ޕްލެޒެންގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިލާން ހާވެލެވެ.
މި ކާމިޔާބީއާ އެކު ބިލްބާއޯ ދެވަނަ ކަށަވަރުކުރިއިރު ޕްލެޒެން ލީގު ފޭސް ނިންމާލީ 12 ޕޮއިންޓާ އެކު ޕްލޭ އޮފް ޖާގައެއް ކަށަވަރުކޮށް، 16 ވަނައިގައި އޮވެގެންނެވެ.