ޖޭމްސް ބޮންޑުގެ ރޯލުން އެތައް އަހަރެއް ވަންދެއް ފެނިގެން ގޮސްފައިވާ ޑެނިއެލް ކްރެއިގް ލީޑުން ފެންނަ "ނައިވްސް އައުޓް"ގެ ތިންވަނަ ބައި މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.
ނެޓްފްލިކްސްއިން 2019 ގައި ރިލީޒްކުރި މާޑާ މިސްޓްރީ ފިލްމު "ނައިވްސް އައުޓް"ގެ ދެވަނަ ބައެއް ނެރެފައިވަނީ 2022 ވަނަ އަހަރެވެ. މި ފިލްމުތައް ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދައި ފްރެންޗައިޒްއަކަށް މިހާރު ވެފައެވެ.
އެއާއެކު ތިންވަނަ ބައެއް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރެވެ. ނެޓްފްލިކްސްއިން ދާދި ފަހުން ވަނީ ތިންވަނަ ފިލްމުގެ ނަމާއި ނެރޭނެ ދުވަސް އިއުލާނުކޮށްފައެވެ. ނެޓްފްލިކްސްއިން ހާމަކޮށްފައިވާ ގޮތުގައި އާ ފިލްމަށް ކިޔާނީ "ވޭކް އަޕް ޑެޑް މޭން: އަ ނައިވްސް އައުޓް މިސްޓްރީ"އެވެ. މި ފިލްމު ސްޓްރީމިންއަށް ނެރޭނީ ނޮވެމްބަރު 18 ގައެވެ.
ކުރީގެ ފިލްމުތަކާ އެއްގޮތަށް އާ ފިލްމުގައި ވެސް ބޮޑު އޭލިސްޓް ކާސްޓެއް ހިމެނެއެވެ. އެގޮތުން، ކްރެއިގްގެ އިތުރުން ފިލްމުން ފެނިގެންދާނީ ޖޯޝް އޮކޯނާއާއި ކެރީ ވޮޝިންޓަންއާއި ޖެރެމީ ރެނާއާއި ޖޯޝް ބްރޮލިންގެ އިތުރުން މީލާ ކޫނީސްއެވެ. އަދި ކެއިލީ ސްޕޭނީއާއި އެންޑްރޫ ސްކޮޑާއި ގްލެން ކްލޯސް ފަދަ ތަރީން ވެސް މި ފިލްމުން ފެންނާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ އިއުލާނުކޮށްފައެވެ.
އަލަށް ނެރޭ ފިލްމުގެ ޕްލޮޓާ ގުޅޭ ގޮތުން މާ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް، ކުރީގެ ފިލްމުތަކާ އެއްގޮތަށް މި ފިލްމުން ވެސް ބޮޑު ޕްލޮޓް ޓްވިސްޓެއް ފެނިގެންދާނެ ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.